ޚަބަރު

ސަރުކާރުން އެންމެ އިސްކަންދޭ އެއްކަމަކީ ސަރަހައްދީ ތަރައްޤީ ގެނައުން: ރައީސް


  • ތިނަދޫގެ ތަރައްޤީއަށް ފަށާފައިވާ މަޝްރޫޢުތައް އަވަހަށް ނިންމަން ބޭނުންވާކަން ފާހަގަކުރި

  • ސަދަރން ޑިވެލޮޕްމަންޓް ޒޯން ތަރައްޤީވާނީ ތިނަދޫ އަރބަން ސެންޓަރެއްގެ ގޮތުގައި ހިމަނައިގެން

ސަރުކާރުން އެންމެ އިސްކަންދޭ އެއްކަމަކީ ސަރަހައްދީ ތަރައްޤީ ގެނައުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ތިނަދޫ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިބައްދަލުކުރެއްވުން އޮތީ ތިނަދޫ ސިޓީ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ތިނަދޫގެ ތަރައްޤީއަށް ފަށާފައިވާ މަޝްރޫޢުތައް އަވަހަށް ނިންމަން ބޭނުންވާކަން ބަޔާން ކުރައްވައި، ޚާއްސަގޮތެއްގައި ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޚިދުމަތްތައް ޓަރޝަރީ ފެންވަރަށް ގެންދިއުމުގެ މަސައްކަތާއި އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތާއި އަދި ތިނަދޫ ސިޓީގައި ފަށާފައިވާ 200 ހައުސިންގ ޔުނިޓުގެ މަސައްކަތް ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިސަރުކާރުން ތިނަދޫ ސިޓީއަށް ކޮށްދެއްވުމަށް ވަޢުދުވެވަޑައިގެންފައިވާ ބްރިޖާއި އެއަރޕޯޓުގެ މަސައްކަތް އަވަހަށް ފެށިގެން ދިއުމަކީ ތިނަދޫ ސިޓީގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއްކަންވެސް ސިޓީ ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުންވެސް ބޯހިޔާވަހިކަމުގެ ފުރުޞަތުތައް އެ ސިޓީގައި ތަނަވަސްކުރުމާއި ތިނަދޫގެ އިޤުތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް މުހިންމު ކަންކަން ސިޓީ ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ސިޓީ ކައުންސިލުން ފާހަގަކުރެއްވި ހުރިހާ ކަމަކަށް ސަރުކާރުން ސަމާލުކަން ދެއްވައިގެން އެކަންކަން ކުރިއަށް ގެންދަވާނެކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުން އެންމެ އިސްކަންދޭ އެއްކަމަކީ ސަރަހައްދީ ތަރައްޤީ ގެނައުންކަމުގައި ވިދާޅުވެ، ދެކުނުގެ 3 އަތޮޅު ހިމެނޭހެން ސަދަރން ޑިވެލޮޕްމަންޓް ޒޯން ތަރައްޤީވެގެންދާނީ ތިނަދޫ ސިޓީއަކީވެސް އެ ޒޯންގައި ހިމެނޭ އަރބަން ސެންޓަރެއްގެ ގޮތުގައި ހިމެނިގެންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.