ޚަބަރު

ސިފައިންގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި


124 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މިއަދު ހެނދުނު ކަޅުތުއްކަލާކޮށީގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް އުމަރެވެ. ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށިގެންދިޔަ މި ރަސްމިއްޔާތުގައި ދިދަ ޕޯސްޓަށް ދިވެހިރާއްޖޭގެ ޤައުމީ ދިދައާއި ސިފައިންގެ ދިދަ ނަންގަވާފައި ވަނީ ދިދަވެރީންނެވެ. ދިދަތައް ނަގައި ނިމުމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވަނީ ސިފައިންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މާޒީވެދިޔަ 124 އަހަރުގެ ތެރޭގައި ދިވެހި ޤައުމާއި ރައްޔިތުންނަށް ދިމާވާ ކޮންމެފަދަ ހާލަތެއްގައި ވެސް ރައްޔިތުންނަށް އެހީތެރިކަން ބޭނުންވާ ދަނޑިވަޅުތަކުގައި އެހީތެރިކަންފޯރުކޮށްދީ، ޤައުމުގެ މިނިވަންކަމާ، ސިޔާދަތު ދެމެހެއްޓުމުގައި ސިފައިން ވެފައިވާ ޤުރުބާނީތަކުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން ބޮޑުތަކުރުފާނާއި އަލިރަސްގެފާނާއި ދޮންބަންޑާރައިންނާއި އަދި ނޮވެމްބަރު ތިނެއްގައި ދިވެހި ސިފައިން ދީނާއި ޤައުމަށްޓަކައި ކުރެއްވި ޖިހާދުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދެއްކެވިއެވެ.

މިރަސްމިއްޔާތުގައި ކުރިއަށްއޮތް އަހަރު ސިފައިން ބޭނުންކުރުމަށް ހަމަޖެހިފައިވާ ޝިޢާރު " ތަމްރީނާ ތަރުބިއްޔަތު - ސިފައިންގެ ބިންގާ" ޑިފެންސް މިނިސްޓަރ ވަނީ ޢިއުލާންކޮށްދެއްވާފައެވެ. މިރަސްމިއްޔާތުގައި މިޝިޢާރުގެ މުހިންމުކަމާއި، މިޝިޢާރު، ސިފައިންނާ ގުޅިފައިވާ މިންވަރުގެ މައްޗަށް އަލިއަޅުވާލައްވާ ޑިފެންސް މިނިސްޓަރ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ޑިފެންސް މިނިސްޓަރގެ ވާހަކަފުޅު ނިންމަވާލެއްވުމަށްފަހު ސިފައިންގެ އަހަރީ މަޖައްލާ "އައްޑަނަ" އިގެ 19 ވަނަ އަދަދު ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވަނީ ނެރެދެއްވާފައެވެ. މިރަސްމިއްޔާތު ނިމިގެން ދިޔަޢީ ޚާއްޞަ ދުޢާ ދެންނެވުމާއެކު ސިފައިންގެ ލަވައިންނެވެ.

މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދާއި ޖެނެރަލް އޮފިސަރުންނާއި އޮފިސަރުންގެ އިތުރުން ވޮރަންޓް އޮފިސަރުންނާއި އެންލިސްޓެޑް ރޭންކްތަކުގެ ގިނައަދަދެއްގެ ސިފައިންގެ އިތުރުން ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ ބޭފުޅުން ބައިވެރިވެލެއްވިއެވެ.