ޚަބަރު

ޔަހޫދީންގެ ޢުދުވާންތަކާ ދެކޮޅަށް ހުށަހެޅި ޤަރާރު އެމެރިކާއިން އަނެއްކާވެސް ބޭރުކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްތިޢުމާރީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ވަޤުތުން މެދުކަނޑައިލުމަށް ގޮވައިލާ އަލްޖަޒާއިރުން އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރު އެމެރިކާއިން ވީޓޯކޮށް ބޭރުކޮށްލައިފިއެވެ. އެ މަޖިލީހުގެ 15 މެންބަރުންގެ ތެރެއިން 13 މެންބަރުން ވަނީ އަލްޖަޒާއިރުގެ ޤަރާރަށް ތާޢީދުކޮށްފައެވެ. އިނގިރޭސިވިލާތުން ވަކިކޮޅަކަށް ވޯޓިދީފައެއް ނުވެއެވެ. އަދި, އެމެރިކާއިން ވަނީ ވީޓޯކޮށް ޤަރާރު ބޭރުކޮށްލާފައެވެ.

"މި ޤަރާރަށް ތާޢީދުކޮށް ލާފައިވާ ކޮންމެ ވޯޓަކީ, ފަލަސްޠީނުގެ މުސްލިމުންގެ ފުރާނަ ސަލާމަތް ކުރަން ލާފައިވާ ވޯޓުތަކެއް. އަދި, މި ޤަރާރާ ދެކޮޅު ހެދި ފަރާތްތަކުން އެ ވަނީ ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތަަކަށް ތާޢީދުކޮށް, އެއްބާރުލުން ދީފައި،" އަލްޖަޒާއިރުން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢައްމާރް ބިނިޖާމިޢީ ވިދާޅުވިއެވެ.

އަލްޖަޒާއިރުގެ ޤަރާރަށް ވޯޓަށް އެހުމުގެ ކުރިން ވެސް އެމެރިކާއިން ވަނީ ޤަރާރު ބޭރުކޮށްލާނެ ކަމަށް ބުނެފައެވެ. އަދި, ޔަހޫދީންގެ ޢުދުވާންތައް މެދުކަނޑައިލުމާ ގުޅޭ ގޮތުން އެމެރިކާއިން ވެސް ވަނީ އެހެން ޤަރާރެއް ހުށަހަޅާފައެވެ. އަލްޖަޒާއިރުގެ ޤަރާރާ ގުޅޭ ގޮތުން އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލިންޑާ ތޮމަސް-ގްރީންފީލްޑް ވިދާޅުވީ, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކުރުމާ ގުޅޭ ގޮތުން އެއްބަސްވުމެއް އެކުލަވައިލުމުގެ ކުރިން ޢުދުވާންތައް ހުއްޓުވުމަށް އެމެރިކާއިން ފުރުޞަތު ނުދޭނެ ކަމުގައެވެ.

ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު އެއްބަސްވުމެއް އެކުލަވައިލުމަށް ޤަޠަރާއި މިޞްރުން ގުޅިގެން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ގްރީންފީލްޑް ވިދާޅުވީ, ޙަމާސާއާއި ޔަހޫދީންނާ ދެމެދު އެއްބަސްވުމެއް އެކުލަވައިލުމަށް ފުރުޞަތު ދޭން ޖެހޭނެ ކަމުގައެވެ. އަދި, އޭގެ ކުރިން ޔަހޫދީންގެ ލާއިންސާނީ ޢުދުވާންތައް ހުއްޓުވައިފި ނަމަ, އަސީރުން މިނިވަން ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅޭނެ ކަމުގައެވެ.

ޔަހޫދީންގެ ޢުދުވާނާ ގުޅޭ ގޮތުން އެމެރިކާއިން ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރުގައި ޔަހޫދީންގެ ލާއިންސާނީ ޢުދުވާންތައް ވަޤުތީ ގޮތުން މެދުކަނޑައިލުމަށް ގޮވައިލައި ޣައްޒާގެ ރަފަޙަށް އަރައިގަނެ ޢުދުވާން ހިންގުމާ ދެކޮޅަށް އެ ޤަރާރުގައި އަޑު އުފުލާފައިވެއެވެ. އެއީ ޔަހޫދީންގެ ޢުދުވާންތައް ވަޤުތީ ގޮތުން ނަމަވެސް މެދުކަނޑައިލަން އެމެރިކާއިން ގޮވައިލާފައިވާ ފުރަތަމަ ފަހަރެވެ. އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ދާދި ފަހުން ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބުންޔާމިން ނަތަންޔާހޫއާ ފޯނުން ވާހަކަފުޅު ދައްކަވަމުން އެ ފަދަ ބަސްގަމެއް ބޭނުން ކުރައްވާފައިވެއެވެ.

އެމެރިކާގެ ޤަރާރުގައި ގޮވައިލާފައި ވަނީ, އެންމެ އަވަސް ފުރުޞަތެއްގައި ޔަހޫދީންގެ ލާއިންސާނީ ޢުދުވާން މެދުކަނޑައިލުމަށެވެ. އަދި, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނުކޮށްފައިވާ ޔަހޫދީ އަސީރުން މިނިވަން ކުރުމަށާއި ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ހުރި ހުރަސްތައް ނައްތައިލުމަށް ވެސް ޤަރާރުގައި ގޮވައިލާފައިވެއެވެ. އަދި, ޢައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙަށް އެރުމާ ދެކޮޅަށް ވެސް އެމެރިކާއިން ވަނީ ވަކާލާތު ކޮށްފައެވެ. އެމެރިކާގެ ޤަރާރުގައި ބުނެފައި ވަނީ, ރަފަޙަށް ޔަހޫދީ ފައުޖުގެ ޢުދުވާންތައް ފުޅާކޮށްފި ނަމަ, ގިނަ ޢަދަދެއްގެ ބަޔެއްގެ ފުރާނަ ގެއްލިގެންދާނެ ކަމުގައެވެ. ރަފަޙުގައި މި ވަގުތު 1.5 މިލިޔަނަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.

ޔަހޫދީންނާ ދެކޮޅު ބަސްތަކެއް ހިމަނައިގެން އެމެރިކާއިން ސަލާމަތީ މަޖިލީހަށް ޤަރާރެއް ހުށަހަޅާފައިވީ ނަމަވެސް, ޤަރާރާ މެދު ވޯޓަށް އެހުމަށް އެމެރިކާއިން އެ މަޖިލީހުގައި އެދިފައެއް ނުވެއެވެ. އެމެރިކާއިން ބޭނުން ވަނީ, އެ ކަން ލަސް ކުރާށެވެ. އަދި, ޔަހޫދީންގެ ލާއިންސާނީ ޢުދުވާންތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން މިޞްރާއި ޤަޠަރުން އިސްނަގައިގެން ކުރަމުންދާ މަޝްވަރާތަކަށް އިތުރު ފުރުޞަތެއް ދިނުމަށެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 29,092އަށް އުފުލިފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި, ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު 69,028އަށް އަރައެވެ.