ޚަބަރު

ރަތަފަންދުއަށް ބޭނުންވާ ކަންކަމުގެ މައުލޫމާތު ރައީސާއި ހިއްސާކުރައްވައިފި


  • ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަން ރައީސާއި ހިއްސާކުރެއްވި

  • ކައުންސިލުން ފާހަގަކުރި ކަންކަމަށް އިސްކަން ދެއްވާނެކަމަށް ރައީސް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ފިޔޯރީ ކައުންސިލުގެ އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ޞިއްޙީ މަރުކަޒުގެ އިމާރާތް ބާވުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި، ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ކައުންސިލްގެ އިމާރާތުގެ ޖާގައިގެ ދަތިކަމާއި، އެކަށީގެންވާ ބޭސް ރަށުން ނުލިބުމާއި، މިސްކިތްތަކުގެ މަރާމާތަށް ބޭނުންވެފައިވާ ކަމަށާއި، އަދި ޒުވާނުންގެ ތަރައްޤީއަށް ބޭނުންވާ ވަސީލަތްތަކާއި، މީގެއިތުރުންވެސް ރަށުގެ ތަރައްޤީއަށް މުހިންމު ކަންކަން ފާހަގަކުރައްވާފައެވެ. މީގެއިތުރުން އައިސް ޕްލާންޓުގެ މަސައްކަތް ހުއްޓިފައި އޮތުމުން އެކަމުގެ ކަންބޮޑުވުންވެސް ކައުންސިލުން ފާޅުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ސަމާލުކަންދެއްވައި، އެކަންކަން ފުރިހަމަ ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވާފައެވެ.