ޚަބަރު

ފަރެސްމާތޮޑާ ކައުންސިލުން އެދުނު ކަންތައްތައް ހައްލުކޮށްދިނުމަށް މަސައްކަތްކުރާނަން: ރައީސް


  • ކައުންސިލުންވަނީ ރަށަށް ކުރިމަތިވެފައިވާ ދަތިތައް ރައީސްއާ ހިއްސާކުރައްވާފައި

  • ރައީސް ކެމްޕޭނުގައި، ދައްކަވާފައިވާ ވާހަކަފުޅުތަކުގެ ފޮތް ހަދިޔާކުރެއްވި

ފަރެސްމާތޮޑާ ކައުންސިލުން ހުށަހެޅުއްވި ކަންކަން ވަރަށް ގާތުން ބައްލަވައި، ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން އެކަންކަން ހައްލުކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ފަރެސްމާތޮޑާ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު ހެނދުނު ފަރެސްމާތޮޑާ ކައުންސިލް އިދާރާގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ކައުންސިލުންވަނީ ރަށުގެ ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަން ރައީސްއާ ޙިއްސާކުރައްވާފައެވެ.

އެގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، ބިންހިއްކުމަށްފަހު އެތަނުގައި ހައުސިންގ ޔުނިޓުތައް ހެދުމުގެ މުހިންމުކަމާއި، ފުޓުބޯޅަ ދަނޑުގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ކަންބޮޑުވުމާއި، އަދި ރަނގަޅު ފެންވަރަށް މަގުތައް ހަދަން ބޭނުންވާކަމަށާއި، ޖާގަ ބޮޑު ހުކުރު މިސްކިތެއްގެ މުހިންމުކަމާއި، ކުނި މެނޭޖުކުރުމުގައި ދިމާވާ ދަތިތައް ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ވަނީ އެރަށަކީ ދާއިމީ ބަލިތަކަށް ބޭސްކުރާ ގިނަ ބަޔަކު ދިރިއުޅޭ ރަށެއްކަން ފާހަގަކުރައްވައި، އެރަށަށް ސްޕެޝަލިސްޓް ޑޮކްޓަރެއްގެ މުހިންމުކަމާއި ގިނަ ޓެސްޓުތަކެއް ހެދޭގޮތަށް ހަމަޖެހިގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ވަރަށް ގާތުން ބައްލަވައި، ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން އެކަންކަން ހައްލުކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި، ދައްކަވާފައިވާ ވާހަކަފުޅުތަކުގެ ފޮތް ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލަށް ހަދިޔާކުރައްވާފައެވެ.