ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޓީރެކްސް ބާސްކެޓްބޯލް ކުލަބުން ހޯދައިފިއެވެ.
ޓީރެކްސްއިން ޗެމްޕިއަންކަން ހޯދީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 86-83 ޕޮއިންޓުން އެންމެ ފަހުގެ ޗެމްޕިއަން ކިންގްސް ބާސްކެޓްބޯލް ކުލަބު ބަލިކޮށްގެންނެވެ. މި މޮޅާއެކު ޓީރެކްސްއިން ގައުމީ ތަށި ހޯދިއިރު، މި އަހަރުގެ ކުރިން އެންމެ ފަހުން ބޭއްވި ތިން ފަހަރުވެސް ގައުމީ ތަށި ހޯދާފައިވަނީ ކިންގްސްއިންނެވެ.
ރޭ ކުޅުނު ފައިނަލް މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގެ ހަތަރުވަނަ ކުއާޓަރު ނިމެން ހަތަރު ސިކުންތަށް ވެފައި ވަނިކޮށް ކިންގްސްއިން ދެ ޕޮއިންޓް ސްކޯކުރުމާއެކު، ފުރިހަމަ ވަގުތު ހަމަވީ 67-67 ޕޮއިންޓުން ދެ ޓީމު އެއްވަރުވެގެންނެވެ.
އެއާއެކު އޯވާޓައިމް ފުރަތަމަ ޕީރިއަޑުގައިވެސް ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މި ޕީރިއަޑުގެ ކުޅުންވެސް ނިމިގެންދިޔައީ 75-75 ޕޮއިންޓުން ދެ ޓީމު އެއްވަރުވެގެންނެވެ. އެކަމަކު އޯވާޓައިމް ދެވަނަ ޕީރިއަޑުގައި ޓީރެކްސްގެ ތަޖުރިބާކާރު ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމުން މެޗު ކާމިޔާބުކޮށްފައިވަނީ ތިން ޕޮއިންޓުގެ ފަރަގަކާއެކުއެވެ.
މި މެޗުގައި ޓީރެކްސްގެ މުޙައްމަދު ޚުވައިލިދު އަލީ ވަނީ 23 ޕޮއިންޓް ހޯދައިދީ އަށް ރީބައުން ނަގައިދީ ހަ އެސިސްޓް ކޮށްފައެވެ. އަދި އެ ޓީމުގެ ޒަކަރިއްޔާ އަބްދުލް ލަތީފް ވަނީ 20 ޕޮއިންޓް ހޯދައިދީ ފަސް ރީބައުން ނަގައިދީ އެއް އެސިސްޓް ކޮށްފައެވެ. މި މެޗުގައި ކިންގްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އިބްރާހީމް ނަސީމެވެ. އެގޮތުން އޭނާ ވަނީ 19 ޕޮއިންޓް ހޯދައިދީ 10 ރީބައުން ނަގައިދީ އެއް އެސިސްޓް ކޮށްފައެވެ.
މި މުބާރާތުގެ ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކިންގްސްގެ އިބްރާހީމް ނަސީމެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ހަމަ އެ ޓީމުގެ އަލްދާން އައިކް ރަމީޒެވެ.
މި ފަހަރުގެ ފިރިހެން ޑިވިޝަނުގެ ލީގު ޗެމްޕިއަންކަންވެސް ހޯދާފައިވަނީ ޓީރެކްސްއިންނެވެ. އަދި އެ މުބާރާތުގައިވެސް ޓީރެކްސްއާ އެންމެ ގާތުން ވާދަކުރީ ކިންގްސްއެވެ.