ވިޔަފާރި

ބީއެމްއެލްގައި ހުރި ބޭނުންނުކުރާ އެކައުންޓްތައް ބަންދުކުރަނީ


ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓްތަކުގެ ތެރެއިން އެއްވެސް މުޢާމަލާތެއް ނުކުރާތާ 5 އަހަރު ވެފައިވާ އެއްހާހަށްވުރެ ގިނަ އެކައުންޓް ކެންސަލްކުރުމަށް އެ ބޭންކުން ނިންމައިފިއެވެެ.

ބޭންކް އޮފް މޯލްޑިވްސްއިން ވަނީ އެބޭންކުގެ އެއްވެސް މުޢާމަލާތެއް ވޭތުވެދިޔަ ފަސް އަހަރު ކޮށްފައިނުވާ އެއްހާސް ތިންސަތޭކަ ނުވަދިހަ ހަ އެކައުންޓެއްގެ ނަން އާންމުކޮށް، ނޯޓިސް ނެރެފައެވެ. ގެޒެޓްގައި ޝާއިޢުކޮށްފައިވާ މި ނޯޓިސްގައި ވަނީ މި އެކައުންޓްތަކުގެ ވެރިފަރާތްތަކަށް ދެ މަސްދުވަހުގެ މުއްދަތެއް ދީ، މި މުއްދަތުގައި އެއިން ފަރާތެއްގެ ކިބައިން އެއްވެސް އިރުޝާދެއް އެބޭންކަށް ނުލިބިއްޖެނަމަ، އެފަރާތުން ބީ.އެމް.އެލްގައި ހުޅުވާފައިވާ އެކައުންޓުތައް ބަންދުކުރެވޭނެކަމަށެވެ. އަދި އެކައުންޓް އެކްޓިވޭޓްކުރަން ބޭނުންވާނަމަ އެ ބޭންކަށް އެކަން އެންގުމަށާއި އެކައުންޓްގައިވާ ފައިސާއާއި މެދު ގޮތެއް ނިންމުމަށް މި އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުގެ ކުރިން އެބޭންކަށް އެންގުމަށް ބުނެފައިވެއެވެ. 

އަދި އެގޮތަށް އަމަލު ނުކުރާ ފަރާތްތަކުގެ އެކައުންޓްތައް ބަންދުކުރެވި، އެކައުންޓްގައިވާ ފައިސާ އެމް.އެމް.އޭއަށް ފޮނުވޭނެކަމަށް ބަޔާނުގައިވެއެވެ. އަދި އެފައިސާ ހޯދުމަށް އެކަމާ ބެހޭ ފޯމު އެމް.އެމް.އޭއަށް ހުށަހެޅުމުން ފައިސާ ލިބޭނެކަމަށްވެސް ބުނެފައިވެއެވެ.