ޚަބަރު

މިދިޔަ ސަރުކާރުން ދިވެހި ކުންފުނިތަކަށް ނުދައްކާ 9 ބިލިއަން ރުފިޔާ އޮތް: ރައީސް


  • ރައީސް ވިދާޅުވީ މިފައިސާ ސަރުކާރުން ދައްކަފައިވާ ކަމަށް

  • ސޮވްރިން ފަންޑަަށް ފައިސާ ޖަމާކުރުމުގެ މަސައްކަތްވެސް ފަށާފައިވާކަމަށް

ނިމުނު ސަރުކާރުގެ ދައުރު ހަމަވިއިރު ދިވެހި ކުންފުނިތައް މެދުވެރިކޮށް ކޮށްފައިވާ މަސައްކަތަށް ދައްކަންޖެހޭ 9 ބިލިއަން ރުފިޔާ ނުދައްކާ އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ގދ. ފަރެސްމާތޮޑާގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުނެނެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ފަންސާހަކަށް ކުންފުނި އޮތްއިރު، މީގެތެރެއިން ގިނަ ކުންފުނިތައް މެދުވެރިކޮށް އެތައް މަސައްކަތެއްކޮށް ފައިސާ ނުދައްކާ އޮތްކަމަށެވެ. އެގޮތުން ސްކޫލްތައް ތަރައްޤީކުރުމާއި މިސްކިތްތައް ހެދުމާއި އަދި މިނޫންވެސް އެތައް މަޝްރޫއަކަށް ފައިސާ ނުދައްކާ ހުރިކަމަށެވެ. ރާއްޖޭގެ އިޤްތިޞާދު އަޑިއަޅާފައިވާ ދަނޑިވަޅެއްގައި، މިއީ ދިވެހި ވިޔަފާރިތަކާއި ކުންފުނިތަކަށް ލިބުނު އިތުރު ގެއްލުމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ ސަރުކާރު ނިމުނުއިރު ރާއްޖެ އޮތީ 120 ބިލިއަން ރުފިޔާގެ ދަރަންޏެއްގައި ކަމަށެވެ. މީގެއިތުރަށް ދިވެހި ކުންފުނިތަކަށް 9 ބިލިއަން ރުފިޔާ ނުދައްކާ އޮތްކަމަށެވެ. މީގެތެރޭގައި މަސްވެރިންނަށް ސަރުކާރުން ދައްކަންޖެހޭ ފައިސާވެސް ހިމެނޭކަމަށެވެ. ކުރީ ސަރުކާރުން މަސްވެރިންނަށް ނުދައްކާ ހުރި 260 މިލިއަން ރުފިޔާ މިހާރު ދައްކާ ޚަލާސްކޮށްފައިވާކަމަށާއި، ޖުމްލަ 442 މިލިއަން މިހާތަނަށް މަސްވެރިންނަށް މި ތިންމަސްތެރޭ ދައްކާފައިވާކަމަށް ވިދާޅުވިއެވެ.

"ސަރުކާރަށް އަދި 3 މަސް މިވީ. އެކަމަކު މި 9 ބިލިއަން ރުފިޔާއިން ބައެއް މިހާރު ވަނީ ދައްކާފައި. އަދި މިނިސްޓްރީތަކުންވެސް އެ އިދާރާތަކުން އާއްމުންނަށް ދައްކަންޖެހޭ ބިލްތައް އަވަހަށް ދައްކާ ޚަލާސްކުރުމުގެ މަސައްކަތް ވަނީ ފަށާފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލޯނުތައް ދެއްކުމަށް ޤާއިމުކޮށްފައިވާ ސޮވްރިން ފަންޑުގައި ހުރި ޑޮލަރުވެސް މިދިޔަ ސަރުކާރުން ބޭނުންކޮށްފައިވާކަމަށެވެ. ރައީސް ވިދާޅުވީ ސޮވްރިން ފަންޑުގައި ހުރި އެތައް މިލިއަން ޑޮލަރު ބޭނުންކޮށްފައިވާކަމަށާއި، އޭގެ ދަތިތައްވެސް ވަރަށް ބޮޑަށް ކުރިމަތިވިކަމަށެވެ. ނަމަވެސް މިހާރު އަލުން ސޮވްރިން ފަންޑަށް ޑޮލަރު ޖަމާކޮށް ރައްކާކުރުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި މިދިޔަ ސަރުކާރުގައި އެކަނި، މިދިޔަ 40 އަހަރު ނުކުރާހާ ގިނަ އަދަދަށް ފައިސާ ޗާޕުކުރިކަމަށްވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް ރައީސްވަނީ ފައިސާ ޗާޕުކުރުން 1 ޖެނުއަރީން ފެށިގެން ހުއްޓާލެއްވުމަށް ނިންމަވާފައެވެ.