ޚަބަރު

ރަމަޟާންމަހު އަލްއަޤްޞާއަށް ވަނުމަށް ޔަހޫދީން ހުރަސްއަޅާނެ


ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލް އަޤްޞާގައި ނަމާދު ކުރުމަށް ހުރަސް އަޅާނެކަން ޔަހޫދީން ހާމަކޮށްފިއެވެ. މަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ފުރަތަމަ ޤިބުލައެވެ. ރަމަޟާން މަހާ ދިމާކޮށް އެ ތަނުގައި ނަމާދު ކުރުމަށް މުސްލިމުންނަށް ހުރަސް އަޅާނެކަން ޔަހޫދީން އިޢުލާނު ކޮށްފައި ވަނީ ފަލަސްޠީނުގެ މުސްލިމުންނަށް ކުރާ ދުއްތުރާތައް އިތުރު ކުރުމުގެ ގޮތުންނެވެ.

ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބުންޔާމިން ނަތަންޔާހޫގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ ރަމަޟާން މަހާ ދިމާކޮށް މަސްޖިދުލް އަޤްޞާގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރާނެ ކަމުގައެވެ. އަދި އެ ތަނަށް ވަދެ ނަމާދު ކުރެވޭ މީހުންގެ ޢަދަދު ކޮންޓްރޯލް ކުރާނެ ކަމުގައެވެ. އެ ކަމާ ގުޅިގެން ފަލަސްޠީނުގެ މުސްލިމުންނަށް ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހޭނެއެވެ.

ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ވަނީ ޖައްބާރު ނަތަންޔާހޫގެ އަމުރުތަކަށް ތަބާނުވުމަށް މުސްލިމުންނަށް ގޮވައިލާފައެވެ. ޙަމާސުން ބުނީ އަޤްޞާއަށް ވަނުމަށް މުސްލިމުންނަށް ހުރަސް އެޅުމަކީ ކުށެއް ކަމުގައެވެ. އަދި ޔަހޫދީންގެ އެންގުމާ ޚިލާފުވެ އަޤްޞާ މިސްކިތް ހިމާޔަތް ކުރުމަށް އެ ޖަމާޢަތުން ވަނީ އެންމެހައި މުސްލިމުންނަށް ގޮވައިލާފައެވެ.

ފަލަސްޠީނުގެ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުން ވެސް ވަނީ ވީހާ ވެސް ގިނަ ޢަދަދެއްގެ ބަޔަކު މަސްޖިދުލް އަޤްޞާއަށް ޒިޔާރަތްކޮށް އެ ތަނުގެ ޖަމާޢަތުގައި ބައިވެރިވުމަށް ގޮވައިލާފައެވެ. "ކުޅަދާނަ ކަން ލިބިގެންވާ ހުރިހާ މުސްލިމުން ބަރަކާތްތެރި ވެގެންވާ އަލް-އަޤްޞާ މިސްކިތަށް ދަތުރުކޮށް, އެ ތަން ހިމާޔަތް ކުރަން ޖެހޭ" ކަމަށް ބުނެ ފަލަސްޠީނުގެ ސުޕްރީމް ފަތުވާ ކައުންސިލުން ވަނީ ބަޔާނެއް ނެރެފައެވެ.

މީގެ ކުރިން ވެސް މުސްލިމުން އަޤްޞާއަށް ވަނުމަށް ޔަހޫދީން ހުރަސް އަޅާފައިވެއެވެ. ހަމަނުޖެހުންތައް މަދު ކުރުމުގެ ނަމުގައި ފަލަސްޠީނުގެ ޒުވާނުން މިސްކިތަށް ގޮސް ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް ޔަހޫދީން ދަނީ ހުރަސް އަޅަމުންނެވެ. އެއީ ޖައްބާރު ނަތަންޔާހޫގެ ސަރުކާރުގައި ހިމެނޭ ހައްދުފަހަނަ އެޅި ޔަހޫދީ ޕާޓީތައް ރުއްސަން އޭނާ ކުރައްވާ ކަމެކެވެ.

ހުސްވި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ރަމަޟާން މަހާ ދިމާކޮށް ޔަހޫދީ ފައުޖުން ވަނީ އަޤްޞާގައި ލާއިންސާނީ ޢުދުވާންތަކެއް ހިންގާފައެވެ. 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު ވެސް ޔަހޫދީ ފައުޖުން އަޤްޞާ ކައިރީގައި ހަމަނުޖެހުންތައް ހިންގިއެވެ. އެއީ ރަމަޟާން މަހާ ދިމާކޮށް މުސްލިމުންނަށް ހުރަސްއަޅައި ފުރައްސާރަކޮށް ދުއްތުރާ ކުރުމުގެ ގޮތުން ޔަހޫދީ ފައުޖުން ހިންގަމުންދާ ނާތަހުޒީބު ޢަމަލުތަކެކެވެ.