ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޚާއްޞަކޮށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުން އިންތިޒާމުކުރާ "މަޖިލިސް 2024" ބަހުސް މިއަދު ފަށައިފިއެވެ.
މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ މިބަހުސް އޮންނަނީ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައެވެ. މި ބަހުސް ކުރިއަށް ގެންދާނީ ކޮންމެ ދާއިރާއެއް ވަކިންނެވެ. އެގޮތުން 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 93 ދާއިރާގެ ބަހުސް ވަކިން ބާއްވާނެއެވެ. އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންނަށް ޕީއެސްއެމުންވަނީ މިބަހުސަށް ދަޢުވަތު އަރުވާފައެވެ.
ބަހުސް ކުރިއަށްދާނީ އިލެކްޝަންސް ކޮމިޝަނުން ދާއިރާތައް ކަނޑައަޅާފައިވާ ތަރުތީބުންނެވެ. މަޖިލިސް ބަހުސް 2024ގައި މިއަދު ފަށާފައިވަނީ މާލޭ ސިޓީގެ ދާއިރާތަކުންނެވެ. އެގޮތުން ފުރަތަމަ ކުރިއަށްދިޔައީ މެދު ހެންވޭރުދާއިރާގެ ބަހުސެވެ. މިދާއިރާގެ މަޖިލިސް އިންތިޚާބުގައި 5 ކެންޑިޑޭޓުން ވާދަކުރެއެވެ. އެހެންނަމަވެސް ބަހުސްގައި ބައިވެރިވެވަޑައިގަތީ 3 ކެންޑިޑޭޓުންނެވެ. ބަހުސް ދައްކަނީ ޔެސް ޓީވީންނެވެ.
މިބަހުސް މިއަދުން ފެށިގެން އަންނަ މަރޗްމަހުގެ 9ވަނަ ދުވަހުގެ ނިއަލަށް ކޮންމެދުވަހަކުވެސް ކުރިއަށްދާނެއެވެ.
ކޮންމެ މަޖިލިސް އިންތިޚާބަކާ ދިމާކޮށްވެސް ޕީއެސްއެމުން ގެންދަނީ ބަހުސް ބާއްވަމުން އަންނައިރު މިފަހަރުގެ ބަހުސަށްވަނީ ބައެއް ބަދަލުތައްވެސް ގެނެސްފައެވެ. އެގޮތުން މިފަހަރުގެ ބަހުސްގައި ފެންނާނެ އެންމެ ބޮޑު އެއް ބަދަލަކީ ޢާންމުންނަށް ކެންޑިޑޭޓުންނާ ސުވާލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. އެގޮތުން އެދާއިރާއެއްގެ ކެންޑިޑޭޓަކާ ކުރަން ބޭނުންވާ ސުވާލުތައް އެސްއެމްއެސްގެ ޒަރީއާއިން ހުށަހެޅުމުގެ ފުރުސަތު އަދިވެސްވަނީ ހުޅުވާލާފައެވެ.
ސުވާލު ހުށައަޅާއިރު މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކާއި އަދި އެ ދާއިރާއަކަށް ނިސްބަތްކޮށް ވަކި ޚާއްސަ ދާއިރާތަކުންވެސް ސުވާލު ފޮނުވޭނެއެވެ. ސުވާލު ފޮނުވާނީ {MB (space) (constituency name)(question) to 300} / (އެމް.ބީ) ސްޕޭސް (ދާއިރާގެ ނަން)(ސުވާލު) ލިޔުއްވުމަށްފަހު 300އަށެވެ.
ބަހުސަށް ގެނެސްފައިވާ އަނެއް ބަދަލަކީ އާބާދީ އެންމެބޮޑު ސަރަހައްދުތަކުގެ ބަހުސް އެސަރަހައްދުތަކުގައި ބޭއްވުމެވެ. އެގޮތުން ކުޅުދުއްފުށީ ސިޓީ، ތިނަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ބަހުސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެސަރަހައްދުތަކުގައެވެ.
މިފަދަ ބަހުސެއް ޕީއެސްއެމުން ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ރައްޔިތުންނަށް ތަޢާރަފްވުމުގެ ފުރުޞަތު ދެއްވުމާއި، ކެންޑިޑޭޓުން ގެންގުޅުއްވާ ސިޔާސަތުތައް ރައްޔިތުންނަށް ހާމަކޮށްދިނުމެވެ.