ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ފަރެސްމާތޮޑާއަށް ވަޑައިގެންފި


  • ފަރެސްމާތޮޑާއިން އެމަނިކުފާނަށްވަނީ ހޫނު މަރުހަބާއެއް ދަންނަވާފައި

  • ރައީސްގެ މިދަތުރުފުޅުގައި ގދގެ 5 ރަށަކަށް ވަޑައިގަންނަވާނެ

ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ދެކުނަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާއަށް ވަޑައިގަންނަވައިފިއެވެ. ފަރެސްމާތޮޑާއަށް ރައީސް ވަޑައިގަތުމުން އެމަނިކުފާނަށާއި ވަފުދަށްވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ. ރައީސްގެ މި ދަތުރުފުޅުގައި ގދ.އަތޮޅުގެ 5 ރަށަކަށް ވަޑައިގަންނަވާނެއެވެ. އެގޮތުން ގދ.ފަރެސްމާތޮޑާ، ފިޔޯރީ، މަޑަވެލި، ތިނަދޫ އަދި ގައްދޫއަށް ވަޑައިގަންނަވައެވެ.

މިރަށްރަށަށް ވަޑައިގެން ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި އަދި ރަށުގެ ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކުނަށް ކުރައްވާ މިދަތުރުފުޅުގައި ޖުމްލަ 14 ރަށަށް ވަޑައިގަންނަވައެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތިދުވަހުއެވެ.