ޚަބަރު

ރަފަޙަށް އަރައިގަތުމަކީ ބޮޑު ކާރިސާއަކަށް ވާނެ: ވިލާތުގެ އިއްތިޙާދު


ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙަށް އަރައިގަތުމަކީ ބޮޑު ކާރިސާއެއްގެ ފެށުމަށް ވެގެންދާނެ ކަމަށް ބުނެ ވިލާތުގެ އިއްތިހާދުން ޔަހޫދީ އިސްތިޢުމާރީ ފައުޖަށް އިންޒާރު ދީފިއެވެ. ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާން ރަފަޙަށް ފުޅާކޮށްފި ނަމަ ފަލަސްޠީނުގެ އެތަކެއް ހާސް ރައްޔިތުންގެ ފުރާނަ ގެއްލޭނެ ކަމަށް ބުނެ ޔަހޫދީ ފައުޖަށް އިންޒާރު ދީފައި ވަނީ އެ އިއްތިހާދުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއްގައެވެ.

ފަލަސްޠީނުގެ 1.5 މިލިޔަނެއްހާ މީހުން މި ވަޤުތު ތިބީ ރަފަޙުގައެވެ. އެއީ ޣައްޒާގެ އެހެން ސަރަޙައްދުތަކުގައި ދިރިއުޅެމުން ދިޔަ ރައްޔިތުންނެވެ. އެ މީހުން ރަފަޙަށް ދަތުރު ކޮށްފައި ވަނީ ޔަހޫދީ ފައުޖުން އެ މީހުންގެ ރަށްތަކާއި ގެދޮރަށް ދެމުން ދިޔަ ރަޙުމު ކުޑަ ޙަމަލާތަކުން ރައްކާތެރިކަން ހޯދުމުގެ ނިޔަތުގައެވެ. އެ މީހުން މި ވަޤުތު ދިރިއުޅެމުން ދަނީ ވަރަށް ނިކަމެތި ހާލުގައި ވަޤުތީ ހިޔާތަކާއި ފޭލިގެތަކުގައެވެ. އެ މީހުންނަށް ބަނޑުފުރާނަ މުއްތިކުރެވޭ ވަރަށް ކާބޯއެތިކޮޅެއް ވެސް ނުލިބެއެވެ.

"ރަފަޙަށް އަރައިގަނެ ޢުދުވާންތައް ފުޅާކުރުމަކީ ބޮޑު ކާރިސާއަކަށް ވާނެ. އެއީ, އެއްވެސް ހާލެއްގައި ރަނގަޅު ނިންމުމަކަށް ނުވާނެ،" އަޔަލެންޑުގެ ޚާރިޖީ ވަޒީރު މައިކަލް މާޓިން ވިދާޅުވިއެވެ. "ރަފަޙުގައި މި ވަގުތު 1.5 މިލިޔަނެއްހާ މީހުން ތޮއްޖެހިފައި އެބަތިބި. އެ މީހުން ތިބީ ވަރުބަލިވެފައި. ހަދާނެ ގޮތް ހުސްވެފައި. އެ މީހުން ދާނެ އިތުރު ތަނެއް ނެތް. އެ މީހުންގެ ހާލަތު އިތުރަށް ގޯސްކުރަން ވިސްނާނީ ކާކު؟"

ވިލާތުގެ އިއްތިހާދުގެ އިތުރުން އދއާއި ދުނިޔޭގެ ޞިއްޙަތާ ބެހޭ ޖަމުޢިއްޔާއާއި އެހީދޭ ޖަމުޢިއްޔާތަކުން ވެސް ދަނީ ރަފަޙަށް ޢުދުވާންތައް ފުޅާ ކުރުމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. ނަމަވެސް ޔަހޫދީ ފައުޖުން މިހާރު ދަނީ އެއްގަމު މަގުން ރަފަޙަށް އަރައި ފަލަސްޠީނުގެ އެތަކެއް ހާސް ބަޔެއްގެ ފުރާނަ ނަގައިލަން ތައްޔާރުވަމުންނެވެ. ޔަހޫދީން ތިބީ ފަލަސްޠީނުގެ އެތަކެއް ހާސް ބަޔަކު ޝަހީދުކޮށްލައި އެ މީހުންގެ ލެއިން ރަފަޙުގެ ފަސްގަނޑު ތެންމައިލަން ކެތްމަދުވެފައެވެ.

ވިލާތުގެ އިއްތިހާދު ޚާރިޖީ ސިޔާސަތާ ބެހޭ މުޝީރު ޖޮސެފް ބޮރެއި ވެސް ވިދާޅުވީ ޔަހޫދީ ފައުޖުން ރަފަޙަށް ވަދެގަނެފި ނަމަ ފަލަސްޠީނުގެ އެތަކެއް ހާސް ބަޔެއްގެ ފުރާނަ ގެއްލޭނެ ކަމީ މުޖައްރިބު ކަމެއް ކަމުގައެވެ. "އަޅުގަނޑުމެން ޖެހޭނީ, ރަފަޙަށް އެރުމާ ދެކޮޅަށް ޔަހޫދީންނަށް ބާރު އަޅަން. އެ މީހުން ވިސްނައިދޭން މަސައްކަތް ކުރަން. ރަފަޙަށް އެރުމަކީ އިންސާނިއްޔަތާ ބެހޭ ޤާނޫނުތަކާ ޚިލާފު އަމަލަކަށް ވާނެ،" ބޮރެއި ވިދާޅުވިއެވެ.

ބޮރެއިގެ ވާހަކަފުޅު ތަކުރާރު ކުރައްވަމުން ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރު އެނެލިނާ ބެއަރބޮކް ވެސް ވަނީ އިންސާނިއްޔަތާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ޔަހޫދީންނަށް ގޮވައިލައްވާފައެވެ. ނަމަވެސް, އަމިއްލަ ދިފާޢުގައި ހަނގުރާމަ ކުރުމަކީ ޔަހޫދީންނަށް ލިބިގެންވާ ޙައްޤެއް ކަމުގައި އޭނާ ދެކެވަޑައިގަންނަވައެވެ. މާނައަކީ ޣައްޒާގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނަކީ ޔަހޫދީން އަމިއްލަ ދިފާޢުގައި ހިންގަމުންދާ ޤަތުލުޢާންމެއްކަން އޭނާ ގަބޫލު ކުރައްވާ ކަމެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ފެށި މި ޢުދުވާންތަކުގައި މިހާތަނަށް 29,092 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި 69,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. ނަމަވެސް އެ މީހުންނަށް ޞިއްޙީ ފަރުވާ ދެވޭނެ ގޮތެއް ނެތެވެ. ޣައްޒާގެ ދެވަނައަށް އެންމެ ބޮޑު ހަސްފަތާލު ކަމުގައިވާ ޚާން ޔޫނިސްގައި ހުންނަ އަލްނާޞިރު ހަސްފަތާލު ވެސް ޔަހޫދީންގެ ޢުދުވާންތަކުގެ ސަބަބުން ވަނީ ބަންދު ކުރަން މަޖުބޫރުވެފައެވެ.