ޚަބަރު

އަޅުވެތިކަމުން ފަލަސްޠީން މިނިވަންކުރަން ޔަހޫދީން ރަސްމީކޮށް ދެކޮޅު ހަދައިފި


ފަލަސްޠީނުގެ މުސްލިމުން އަޅުވެތި ކުރުން ހުއްޓައިލުމާއި އެ މީހުންގެ ބިންތަކުގައި ކުރަމުންދާ އިސްތިޢުމާރީ ވެރިކަން ހުއްޓައިލުމާއި ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ޔަހޫދީން ރަސްމީކޮށް ދެކޮޅު ހަދައިފިއެވެ. ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބުންޔާމިން ނަތަންޔާހޫ ވަނީ އޭނާގެ ކެބިނެޓަށް އެ ކަން ހުށަހަޅައި ފާސްކޮށްފައެވެ.

ފަލަސްޠީނުގެ މުސްލިމުން އަޅުވެތި ކުރުން ހުއްޓައިނުލާނެކަން ޔަހޫދީ ނަތަންޔާހޫގެ ސަރުކާރުން ރަސްމީކޮށް އިޢުލާނު ކޮށްފައި ވަނީ ފަލަސްޠީނަކީ މިިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވައިލާ އަޑު ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ގަދަވަމުންދާ ދަނޑިވަޅެއްގައެވެ. ފަލަސްޠީނުގެ މުސްލިމުން އަޅުވެތިކޮށް ޔަހޫދީން އެ މީހުންގެ މައްޗަށް އިސްތިޢުމާރީ ވެރިކަމެއް ހިންގަން ފަށާފައި ވަނީ މީގެ 70 ވަރަކަށް އަހަރު ކުރިންނެވެ.

ފަލަސްޠީނުގެ ބިމުގައި މުސްލިމުންނާއި ޔަހޫދީންނަށް ޚާއްޞަކޮށް މިނިވަން ދެ ދަޢުލަތެއް ގާއިމު ކުރުމަށް ކުރަމުން ދިޔަ މަޝްވަރާތަށް 2014 ވަނަ އަހަރަށް ފަހު އޮތީ މަޑުޖެހިފައެވެ. ފަލަސްޠީނަށް މިނިވަންކަން ހޯދައިދޭން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ. ނަމަވެސް އެއީ ހީލަތްތެރި ރޭވުމެއްގެ ދަށުންނެވެ. އޭނާ ބޭނުން ވަނީ ސަޢޫދީ ޢަރަބިއްޔާއާއި ޢަރަބި ޤައުމުތަކުން ޔަހޫދީންގެ ދަޢުލަތް ބަލައިގަނެ ޔަހޫދީންނާ އެކު ސިޔާސީ ގުޅުން ޤާއިމު ކުރުމަށެވެ.

އެހެންނަމަވެސް ޖައްބާރު ނަތަންޔާހޫގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ, ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ގޮވައިލަމުންދާ ގޮވައިލުންތަކާ ޔަހޫދީން ދެކޮޅު ހަދާކަން ރަސްމީކޮށް އިޢުލާނު ކުރާ ކަމުގައެވެ. އަދި އެ ކަމާ މެދު އެއްވެސް ކަހަލަ އެއްބަސްވުމެއް އެކުލަވައިލެވޭނީ އެއްވެސް ޝަރުޠަކާ ނުލައި ދެ ފަރާތުގެ ދެމެދުގައި މަޝްވަރާ ކުރުމަށް ފަހުގައި ކަމުގައެވެ.

ފަލަސްޠީނުގެ މިނިވަން ކަމާއި ފަލަސްޠީނުގެ މުސްލިމުން އަޅުވެތި ކުރުން ހުއްޓައިލަން ފާޅުގައި ދެކޮޅު ހަދާފައިވާ ދަނޑިވަޅުގައި ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާންތައް ހިންގަމުންނެވެ. އޮކްޓޫބަރު 7 ވަނަ ދުވަހު ފެށި ޢުދުވާންތަކުގައި މިހާތަނަށް 29,092 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 69,000އަށްވުރެ ގިނަ މީހުން ޒަޚަމުކޮށްލާފައެވެ.