ސިޔާސީ

ކުރީގެ ރައީސް ނަޝީދު، މެޑިކަލް ޕްރޮސީޖަރއެއް ހަދަނީ


ކުރީގެ ރައީސް މުޙައްމަދު ނަޝީދު ހޭފުޅުނައްތައިގެން ހައްދަވަންޖެހޭ މެޑިކަލް ޕްރޮސީޖަރއެއް މިއަދު ހައްދަވާނެކަމަށް ރައީސް ނަޝީދުގެ އޮފީހުން ބުނެފިއެވެ. 

ޓެރެރިޒަމްގެ ކުށުގައި 13 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބޭސްފަރުވާއަށް އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފައިވަނީ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. ރައީސް ނަޝީދު އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފައިވަނީ މައިބަދައިގެ އޮޕަރޭޝަނެއް ކުރެއްވުމަށް. އެމަނިކުފާނު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށްފަހު ޑޮކްޓަރުންގެ ލަފާގެ މަތިން ބޭސްފަރުވާ ހޯއްދަވަމުން ގެންދަވާކަމަށް ރައީސް ނަޝީދުގެ އޮފީހުން ވިދާޅުވެއެވެ. 

އެގޮތުން ޑޮކްޓަރުންގެ އިރުޝާދާއެކު ރައީސް ނަޝީދު ހޭފުޅުނައްތައިގެން ހައްދަވަންޖެހޭ މެޑިކަލް ޕްރޮސީޖާއެއް ހައްދަވަމުންދާކަމަށް އެމަނިކުފާނުގެ އޮފީހުން ބުނެއެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ހައްދަވަމުންގެންދަވަނީ ކޮންކަހަލަ މެޑިކަލް ޕްރޮސީޖަރއެއްކަން ހާމަކޮށްފައެއްނުވެއެވެ. 

ކުރީގެ ރައީސްގެ ބޭސްފަރުވާއަށް ސަރުކާރުން ދެއްވި މުއްދަތު މިހާރު ހަމަވެފައިވާއިރު، އެމަނިކުފާނުގެ ބޭސް ފަރުވާއަށް އޮޕަރޭޝަނެއް ކުރައްވަންޖެހޭކަމަށް ޑޮކްޓަރުން ލަފާދެއްވައިފައިވާކަމަށް ވިދާޅުވުމުން ސަރުކާރުންވަނީ އެމަނިކުފާނުގެ ބޭސްފަރުވާއަށް 30 ދުވަސް އިތުރު ކޮށްދެއްވާފައެވެ. އެހެން ނަމަވެސް ނަޝީދުގެ ޤާނޫނީ ޓީމްގެ ފަރާތުން ނަޝީދުގެ އޮޕަރޭޝަނެއް ކުރައްވަން ހަމަޖެހިފައި ނުވާކަމަށް ވިދާޅުވުމުން ކަރެކްޝަނަލް ސަރވިސްއިން އިތުރުކޮށްދެއްވި 30 ދުވަހުގެ މުއްދަތު ވަނީ އަނބުރާ ގެންދަވައިފައެވެ. 

ހޯމް މިނިސްޓަރ ޢުމަރު ނަޞީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދު އޮޕަރޭޝަން ކުރައްވަން ހަމަޖެހިފައިވާކަމަށް ވިދާޅުވާ ވިދާޅުވުން ޤާނޫނީ ޓީމުގެ ފަރާތުން ދޮގު ކުރެއްވުމުން، ރައީސް ނަޝީދު އޮޕަރޭޝަނެއް ކުރައްވަން އުޅުއްވާކަމާމެދު އޮޅުން އަރާފައިވާތީ އެކަން އަލުން މުރާޖާ ކުރެއްވުމަށް ކަރެކްޝަނަލް ސަރވިސްގެ މެޑިކަލް ބޯޑަށް ހުށައަޅުއްވައިފައިވާކަމަށެވެ.