އައްޑޫ ސިޓީގެ މިސްކިތްތައް މަރާމާތުކޮށް އަބާތުރަ ފިލުވުމަށްޓަކައި މިސްކިތް ފަންޑުން މިއަހަރު 1.5 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ މިއީ މިހާތަނަށް މިސްކިތު ފަންޑުން އެއްފަހަރާ ކުރާ އެންމެ ބޮޑު ހޭދަކަމަށެވެ. މިގޮތުން މިއަހަރު އައްޑޫގެ 68 މިސްކިތެއްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އައްޑޫގައި ދީނީ ކަންކަން ކުރިއަށްގެންދިޔުމާއި ދީނީ ޢިލްމު ފެތުރުމަށްޓަކައި ތަރައްޤީކުރަމުން އަންނަ އިސްލާމިކް ސެންޓަރުގެ މަސައްކަތް އަވަސްކުރުމަށް އަންނަ އަހަރުގެ މޭއި މަހާއި ހަމައަށް ނިންމުމަށް މަސައްކަތް ކުރައްވާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އައްޑޫގެ އިސްލާމިކް ސެންޓަރ ގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގައެވެ. އެއީ 1500 މީހުންގެ ޖާގައިގެ ނަމާދުކުރާނެ ތަނަކާއި 450 މީހުންގެ މަލްޓިޕަރޕަސް ހޯލަކާއި 4 ކުލާސްރޫމާއި 2 ސެމިނާ ރޫމްގެ އިތުރުން އިދާރީ އޮފީހަކާއި ލައިބްރަރީއަކާއެކުގައެވެ.
އިސްލާމީ ކަންކަމަށް ޚަރަދުކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި މިސްކިތްތައް ދެމެހެއްޓެނިވި އިންތިޒާމެއްގެ ތެރެއިން ބެލެހެއްޓޭނެ ގޮތަށް ހަމަޖެއްސުމުގެ މަސައްކަތަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެގޮތުން ވަޤުފް ފަންޑުތައް ތަރައްޤީކޮށް މިއަހަރުގެ ތެރޭގައި މިފަދަ މަޝްރޫޢުތައް އެކި ސަރަޙައްދުތަކުގައި ފެށިގެންދާނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.