ޚަބަރު

ޕެންޝަން ފައިސާއިން ގެދޮރު ގަތުމަށް ރަހުނުކުރާ ސްކީމް


ޕެންޝަން ފައިސާ ގެދޮރު ގަތުމަށް ރަހުނު ކުރުމުގެ ސްކީމް ކުރިއަށްއޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ތަޢާރަފް ކުރައްވާނެކަމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ވިދާޅުވެއްޖެއެވެ.

އެއޮފީހުން ވިދާޅުވީ، މިސްކީމަށް ޝަރުތުހަމަވާ 550 އަށްވުރެ ގިނަ މެންބަރުން މިހާރުވެސް އެބަތިބިކަމަށެވެ. ޕެންޝަން ފައިސާ ގެދޮރު ގަތުމަށް ރަހުނު ކުރުމުގެ ސްކީމަކީ، ޕެންޝަން ފަންޑުގެ މެންބަރުން ގެދޮރުވެރިކުރުވުމަށް ފަންޑުގައި ހުރި ފައިސާ ޑައުންޕޭމަންޓުގެ ގޮތުގައި ބެހެއްޓުމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ތަޢާރަފް ކުރައްވާ ސްކީމެކެވެ. ޢާންމުކޮށް ވިއްކާ ގެދޮރާއި ފުލެޓް ގަތުމަށް އެމީހެއްގެ ޕެންޝަން އެކައުންޓުގައިވާ ފައިސާ ގެރެންޓީއެއްގެ ގޮތުގައި ބޭނުންކުރެވޭގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރައްވާފައިވާއިރުު، ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން މިހާރު ވިދާޅުވީ އެސްކީމް ފެއްޓެވުމަށްޓަކައި ކުރައްވަން ޖެހިވަޑައިގަންނަވާ މައިގަނޑު ދެ މަސައްކަތް މިހާރު ގާތްގަނޑަކަށްް ނިމިފައިވާކަމަށެވެ. 

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީ.އީ.އޯ މުޙައްމަދު ޙުސައިން މަނިކު ވިދާޅުވީ، ހައުސިންގ ސްކީމް ހިންގާނެ ގޮތުގެ އާންމު ޤަަވާއިދުގެ ޑްރާފްޓް ނިމި ވަރަށް އަވަހަށް ގެޒެޓް ކުރައްވާނެކަމަށާއި، ރަހުނު ކުރުމުގެ ސްކީމްގައި ބައިވެރިވާ ބޭންކުތަކާއި ވާހަކަދައްކަވާ އެފަރާތްތަކާއެކު އެގްރީމެންޓް ހެއްދެވުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ނިމިގެންދާނެކަމަށެވެ.

މުޙައްމަދު ޙުސައިން މަނިކު ވިދާޅުވީ، ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބެއްލެވި ބެއްލެވުމުން ސޯޝަލް ހައުސިންގ ޔުނިޓެއްގެ އަގު މިހާރު އުޅެނީ އެއް މިލިޔަނާއި، އެކެއް ޕޮއިންޓް ފަހެއް މިލިޔަނާއި ދެމެދުގެ އަގުތަކެއްގައި ކަމަށެވެ. އެހެންކަމުން ޕެންޝަން ފަންޑުގައި ހައުސިންގ ސްކީމަށް ޝަރުތު ހަމަވާ ފަސް ސަތޭކަ ފަންސާހަށްވުރެ ގިނަ މީހުން ތިބި އިރު މިއަދަދު ކުރިއަށް އޮތްތަނުގައި ވަރަށް ބޮޑުތަން އިތުރުވެގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މުޙައްމަދު ޙުސައިން މަނިކު ވިދާޅުވީ، ޕެންޝަން އޮފީހުން މަސައްކަތް ކުރައްވަނީ މި ސްކީމްގެ ދަށުން ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަންެޖެހޭ ފައިސާގެ އަދަދު 20 އިންސައްތައަށް ހަަމަޖެއްސެވުމަށްކަމަށެވެ.ރާއްޖޭގެ ރިޓަޔަރމަންޓް ޕެންޝަން ފަންޑަށް މުވައްޒަފުން ފައިސާ ޖަމާކުރަންފެށީ 2009 ވަނަ އަހަރުއެވެ. އޭގެ ފަހުން މިއަދާހަމައަށް ޕެންޝަން ފަންޑުގެ މެންބަރުންގެ ފައިސާގެ ގޮތުގައި 5.1 ބިލިޔަން ރުފިޔާ ވަނީ ޖަމާވެފައެވެ.

މިހާރު މިފަންޑަށް ފައިސާ ޖަމާކުރާ އެމްޕްލޯޔަރުން ނުވަތަ މުއައްސަސާތަކުގެ އަދަދަކީ، އެއްހާސް ހަތްސަތޭކަ ފަސްދޮޅަސް ހަތަރެކެވެ. މުވައްޒަފުންގެ އަދަދު އުޅެނީ އައްޑިހަ ދެހާހަށްވުރެ މަތީގައެވެ.