ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 4 އަތޮޅަކަށް ކުރައްވާ ދަތުފުޅެއްގައި ފުރާ ވަޑައިގެންފިއެވެ.
ފަސް ދުވަހުގެ މި ދަތުރުފުޅުގައި ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީގެ އިތުރުން ގއ. އަދި ގދ.ގެ ބައެއް ރަށްތަކަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސިޓީތަކާއި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ. އަދި ސިޓީތަކާއި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މަސައްކަތްކުރައްވާނީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭގޮތަށް ކަމަށް މީގެ ކުރިން އެކި ފަހަރުމަތިން އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. އެގޮތުން ކައުންސިލްތަކުން އެމަނިކުފާނާ ބައްދަލުކުރުމަށް މާލެއަށް އައުމުގެ ބަދަލުގައި، އެމަނިކުފާނު ކަންކުރައްވާނެ ގޮތަކީ ރަށްރަށަށް ވަޑައިގެން ކައުންސިލުތަކާ ބައްދަލުކުރެއްވުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.