ޚަބަރު

ރައްކާ ރޯޑް ޝޯވްގެ ތިންވަނަ ބުރު ލ.އަތޮޅުގައި ފަށައިފި


މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން ކުރިއަށްގެންދާ ރައްކާ ރޯޑް ޝޯވްގެ ތިންވަނަ ބުރު ލ.އަތޮޅުގައި ފަށައިފިއެވެ. 

ލ.ގަން އަދި ފޮނަދޫ ސަރަޙައްދުގައި ކުރިއަށްގެންދާ މި ޝޯވް އަކީ، ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަމުންދާ ހައްދުންމަތީ ބޮޑު މަގުގެ މަސައްކަތް ނިމެމުން ދިއުމާއެކު، މަގުމަތި ބޭނުންކުރާ ފަރާތްތައް ޓްރެފިކްގެ ގާނޫނަށް އަހުލުވެރި ކުރުވުން ކަމަށް ފުލުހުން ވިދާޅުވެއެވެ. މިއީ ފުލުހުންނާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ ގުޅިގެން ކުރިއަށްގެންދާ ރޯޑް ޝޯވްއެކެވެ.

ލ.އަތޮޅުގެ ގަން ފޮނަދޫ ސަރަޙައްދަކީ، މާލެ އާއި އައްޑޫސިޓީ އަދި ކުޅުދުއްފުއްޓަށްފަހު ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް އެއްގަމު އުޅަނދު ދުއްވާ ސަރަޙައްދެވެ. ގަމާއި ފޮނަދޫ ގުޅުވައިދޭ 17 ކިލޯމީޓަރުގެ ހައްދުންމަތީ ބޮޑު މަގަކީ، ރާއްޖޭގައި އޮތް އެންމެ ދިގު މަގެވެ. އެ މަގުގެ މަސައްކަތް ނިމުމަކާ ކައިރިވެފައިވާއިރު، މިއަދު ފެށިގެންދިޔަ ރައްކާ ރޯޑް ޝޯވް އަކީ އެކްސިޑެންޓްތައް މަދުކޮށް ހައްދުންމަތީ ބޮޑު މަގަކީ ލ.އަތޮޅުގެ ރައްޔިތުންނަށް އަމާން ތަނަކަށް ހެދުމަށް ބާއްވާ ރޯޑް ޝޯވއެކެވެ.

ލ.އަތޮޅު ރައްކާ ރޯޑް ޝޯވް ފެށުމުގެ ގޮތުން މިއަދު ވަނީ ގަމު ޙަމަދު ޚަލީފާ އަލް ސާނީ ސްކޫލްގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތަށްފަހު މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން، ޓްރެފިކް ޕޮލިސް ޑިޕާޑްމަންޓްގެ ހެޑް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް، މުހައްމަދު ދާއޫދު ވަނީ މިއަހަރުގެ މިހާތަނަށްވެސް ލ.އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި 20 ހާދިސާ ހިނގާފައިވާކަން ފާހަގަކުރައްވާ މިފަދަ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ލ.އަތޮޅުގައި ހިންގަންޖެހިފައިވާކަމަށް ވިދާޅުވިއެވެ. އަދި މި ޝޯވްގައި އެންމެ ބޮޑަށް އަމާޒު ކުރެވިފައިވާނީ ބާރު ސްޕީޑްގައި ދުއްވާ ޒުވާނުންނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްކާ ރޯޑް ޝޯވް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތަށްފަހު މެންދުރުކުރީގައި ވަނީ ދެ ހަރަކާތެއް ކުރިއަށްގެންގޮސްފައެވެ. އެގޮތުން ގަމު ރީޖަނަލް ހޮސްޕިޓަލް ކައިރީގައި ހޭލުންތެރި ކުރުވުމުގެ ބިލް ބޯޑް ހުޅުވުން ހިމެނެއެވެ. އަދި ސްކޫލް ކުދިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތައް ގަމު އިހައްދޫ ސްކޫލްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރޯޑް ޝޯވްގެ އެއް ޕާޓްނަރ ކަމުގައިވާ އެލައިޑު އިންޝުއަރެންސް ކުންފުނިންވެސް ދަނީ މި ހަރަކާތުގެ ތެރެއިން އާންމުން ހޭލުންތެރި ކުރުވުމަށް ހަރަކާތްތަކެއް ހިންގަމުންނެވެ.

ލ.އަތޮޅު ކައުންސިލްގެ ރައީސް ޔޫސުފް އާމިރު ވިދާޅުވީ، ރައްކާ ޝޯވްއަށްފަހު ލ.އަތޮޅު ކައުންސިލުންވެސް ގަމާއި ފޮނަދޫ ސަރަޙައްދުގައި މަގުމަތީގެ ރައްކާތެރިކަމާއިި ގުޅޭ އެކި ހަރަކާތްތައް ހިންގާނެ ކަމަށެވެ.

މިއަދުން ފެށިގެން މި މަހުގެ 25 ގެ ނިޔަލަށް ކުރިއަށްގެންދާ ލ.އަތޮޅު ރައްކާ ރޯޑް ޝޯވްގައި ތަފާތު އެތައް ހަރަކާތެއް ހިންގުމަށް ވަނީ ރާވާފައެވެ. 

އެގޮތުން މިއަދު ހަވީރު ކުރިއަށްދާނީ ޓްރެފިކް އޮޕަރޭޝަނެކެވެ.