ކުޅިވަރު

އެފްއޭއެމް މުވައްޒަފުންގެ 8 މަސްދުވަހުގެ މުސާރަ ދީފި


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މުވައްޒަފުންނަށް ނުދެވި ހުރި އަހަރެއްހާ ދުވަހުގެ މުސާރައިގެ ތެރެއިން، އަށް މަސްދުވަހުގެ މުސާރަ ދީފަައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

"ޕީއެސްއެމް ސްޕޯޓްސް" އަށް މައުލޫމާތުދެއްވަމުން އެފްއޭއެމުގެ ވަގުތީ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޖައުޝަން ޝަރީފް (ޖައު) ވިދާޅުވީ މިހާތަނަށް ނުދެވި ހުރި މުސާރައިގެ ތެރެއިން އަށް މަސްދުވަހުގެ މުސާރަ ދީފައިވާނެ ކަމަށާއި، އިދާރީ މުވައްޒަފުންގެ މުސާރައިގެ ގޮތުގައި އަށް މަސްދުވަހަށް، ޖުމްލަ 200,000 (ދެ ލައްކަ) އެއްހާ ޑޮލަރަށްވާ ފައިސާ ދީފައިވާނެ ކަމަށެވެ.

މީގެތެރެއިން ޓެކްނިކަލް މުވައްޒަފުންގެ މުސާރަ އަދި ނުދެވޭ ކަމަށާއި، ވަރަށް އަވަހަށް ޓެކްނިކަލް މުވައްޒަފުންގެ މުސާރަވެސް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ނުދީ އޮތީ ގާތްގަނޑަކަށް ތިން ހަތަރު މަސްދުވަހުގެ މުސާރަ ކަމަށާއި، އެ ފައިސާ ރަމަޟާން މަހުގެ ކުރިން އެއްކޮށް ދިނުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

މާލީގޮތުން އަޑިގަނޑެއްގެ ތެރޭގައި އޮތް އެފްއޭއެމުގެ ގިނަ އަދަދެއްގެ މުވައްޒަފުން މިހާތަނަށް ވަކިވެފައިވާއިރު، ބައެއް މުވައްޒަފުން މީގެ ކުރިން ވަނީ މުސާރަ ނުލިބުމުގެ ސަބަބުން މަސައްކަތަށް ނިކުތުމަށް ދެކޮޅު ހަދާފައެވެ.

އެފްއޭއެމުގެ މުވައްޒަފުންގެ 8 މަސްދުވަހުގެ މުސާރަ ދިންއިރު، މި ފައިސާއަކީ އެފްއޭއެމުގެ މުވައްޒަފުންގެ މުސާރަ ދިނުމަށް ޝަރުތުކޮށް ފީފާއިން ދީފައިވާ ފައިސާއެވެ. އަދި މި ފައިސާގެ ރިޕޯޓު އެ އިދާރާއަށް ހިއްސާކުރަން ވަނީ އަންގާފައެވެ.

މުސާރައިގެ މައްސަލަތަކުގެ އިތުރުން އެފްއޭއެމުގެ ގިނަ މައްސަލަތަކެއް ޝަރުއީ ކޯޓުތަކުގައިވެސް ދަނީ ކުރިޔަށެވެ. އަދި އެ އިދާރާގެ އިސްވެރިންގެ މައްޗަށް ޚިޔާނާތުގެ މައްސަލައެއްވެސް ވަނީ އުފުލާފައެވެ.