ސަރުކާރުގެ ހޮސްޕިޓަލްތަކުން ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހައްދާއިރު، އެޕޮއިންޓްމަންޓް ލިބޭ ދުވަސްވެސް އެނގޭނެ ގޮތަށް ނިޒާމު ބަދަލުކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ސިއްހީ ދާއިރާއާ ގުޅޭގޮތުން އާއްމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ލ.މާބައިދޫ، ލަކްސްލިން، އާދަމް ޢަބްދުﷲ ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވި ސުވާލުގައި ވަނީ އެޕޮއިންޓްމަންޓް ނުލިބުމުގެ މައްސަލައާއި އެޕޮއިންޓްމަންޓް ހައްދައިގެން އައި ނަމަވެސް، ޑޮކްޓަރަށް ނުދެއްކި ލަސްވާކަމުގެ ޝަކުވާ ހުށަހަޅާފައެވެ.
އާދަމް ޢަބްދުﷲގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެޕޮއިންޓްމަންޓް ހައްދާއިރު، އެޕޮއިންޓްމަންޓް ލިބޭ ދުވަސް އެނގޭނެ ގޮތަށް ނިޒާމު ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ. އަދި ގިނަ ވަގުތު ޑޮކްޓަރުން ޚިދުމަތް ދިނުމުގައި ހޭދަކުރެވޭނެ ނިޒާމެއްވެސް ޤާއިމްކުރުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ސްޕެޝަލިސްޓުން ގިނަ ކުރެވޭ ވަރަކަށް އެޕޮއިންޓްމަންޓް ނުލިބިގެން މަޑުކުރަންޖެހޭ ވަގުތުވެސް ކުޑަވާނެ. ދެވަނަ ކަމަކަށް އެޕޮއިންޓްމަންޓް ހަދާއިރުގައި އެޕޮއިންޓްމަންޓް ލިބޭ ދުވަސް ޔަގީންކަމާއެކީގައި ހަމަޖެހިގެންދާނެ ގޮތަށް ނިޒާމު ބައްޓަންކުރެވިގެންދާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ރާއްޖޭގައި ތިބި ސިއްޙީ ދާއިރާގެ ސްޕެޝަލިސްޓުންނަށް ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްއިން ވަޒީފާ ދިނުމުގެ މަސައްކަތް ހާއްސަ އިސްކަމެއްދެއްވައިގެން ކުރިއަަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގައި ސްޕެޝަލިސްޓުން ނެތް ދާއިރާތަކަށް، ބޭރުން ސްޕެޝަލިސްޓުން ހޯދުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުން ރާއްޖޭގައި ތިބި ސްޕެޝަލިސްޓުން ވަޒީފާ ދިނުމަކީ އަޅުގަނޑު މަސައްކަތްކުރާ އެއް ކަންތައް. އޭގެ އިތުރަށް، ރާއްޖޭގައި ސްޕެޝަލިސްޓުން ނެތް ދާއިރާތަކަށް، ބޭރުން ސްޕެޝަލިސްޓުން ހޯދުންވެސް އެއީ މިހާރު ފަށާފައިވާ މަސައްކަތެއް" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުން އަންނަ އެއް މަސައްކަތެވެ. އެ މަސައްކަތުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓަރޝަރީ ހޮސްޕިޓަލްތައް ޤާއިމްކުރުމާއި، އެކި ބަލިތަކަށް ފަރުވާ ދިނުމަށް ހާއްސަ ހޮސްޕިޓަލްތައް ޤާއިމްކުރެއްވުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ. އަދި އެ ހިދުމަތްތައް ޤާއިމްކުރެވެންދެން އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދޭނެ އިންތިޒާމްވެސް ސަރުކާރުން ގެންދަވަނީ ހަމަޖައްސައިދެއްވަމުންނެވެ.