ޚަބަރު

މަސްވެރިންގެ ހުރި ނުތަނަވަސްކަން ފިލުވާލަދޭން މިތިބީ ތައްޔާރަށް، އެކަން ކުރާނަން: ޝިޔާމް


  • ދަފްތަރު ފުރިހަމަވެގެންދާއިރު މަސްވެރިކަމާ ގުޅުންހުރި ގިނަކަންތައް ހައްލުވާނެ

  • މަސްވެރިންނަށް ނުދެވި ހުރި ފައިސާ ރޯދައިގެ ކުރިން ދެއްވާނެ ކަމަށް ވިދާޅުވި

މަސްވެރިކަމުގެ ސިނާއަތުގައި މަސްވެރިންގެ ހުރި ނުތަނަވަސްކަން ފިލުވާލަދޭނެ ކަމަށާއި އެކަމަށް މިތިބީ ތައްޔާރަށް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ މަސްވެރިކަމުގެ ދަފްތަރު އިފްތިތާހްކުރުމާއި ފަރުމަހުގެ މަސްވެރިކަމަށް ޚާއްސަކޮށްގެން ދޫކުރާ ލުއި ލޯން ޕްރޮގްރާމް އިފްތިތާހްކުރުމަށް ށ.ކޮމަންޑޫގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ މިއިފްތިތާހްކުރެވިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަތުމަށް މަސްވެރި ސިނާއަތަށް މަސްވެރި މުޖްތަމައަށް ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވަޢުދުފުޅު ކަމަށެވެ. އެއީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ މަސްވެރިންނަކީ ދިވެހި ދައުލަތް ދަންނަ ބަޔަކަށް ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދުފުޅުކަމަށެވެ. އަދި މިއިފްތިތާހް ކުރެވުނު މަސްވެރި ސިނާޢަތާ މަސްވެރި ވުޒާރާއާ ގުޅުންހުރި ދެ ޕްރޮގްރާމަކީވެސް ރާއްޖޭގެ މަސްވެރި ސިނާޢަތުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ވަރަށް މުހިންމު 2 ޕްރޮގްރާމް ކަމަށް ވިދާޅުވިއެވެ. އަދި މިއާއެކު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާ ގުޅުންހުރި ހަފްތާ 14ގެ ހުރިހާ ޕްރޮގްރާމްތަކެއް އިފްތިތާހް ކުރެވިގެން ދިޔައީ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މަސްވެރިންގެ ދަފްތަރާ ގުޅި ލާމެހިފައި ހުރި ވަރަށްގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. މަސްވެރިން މިހާރު ގެންނަ ކަންބޮޑުވުންތަކުގެ ތެރޭގައި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވެނީ ދިވެހިރާއްޖޭގެ އެހެން ސިނާޢަތްތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި މަސްވެރިންނާ ހުރި ތަފާތުކުރުންތަކުގެ ވާހަކަ ކަމަށެވެ. އެއީ ދިވެހިރާއްޖޭގެ ބޭންކްތަކާއި އެހެން މުއައްސަސާތަކާއި އެހެން ސިނާޢަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްސަކުރެވިގެން ބައެއް ކަހަލަ ސްކީމްތައް ކުންފުނިތަކާއި ބޭންކްތަކުން ތަޢާރަފްކުރެވިފައި ހުންނައިރު މިމުއައްސަސާތައް މަސްވެރިން ނުދަތުމުގެ ޝަކުވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ މަސްވެރިންގެ ދަފްތަރު ފުރިހަމަވެގެންދާއިރު މިމައްސަލަ ޖުމްލަކޮށް ހައްލުކުރެވިގެންދާނެ ކަމަށެވެ. އެގޮތުން ބޭންކުތަކުން އެހެން އޮފީސްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ދޭ ލުއި ލޯންތަކަށް ލުއި ސްކީމްތައް ފަދަ ހުރިހާ ލުޔެއް މަސްވެރިންގެ ދަފްތަރު ފުރިހަމަ ކުރެވިގެންދާއިރު މަސްވެރިންނަށްވެސް ލިބޭނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ މަސްވެރިންނާއި އޮޑިވެރިންނާއި މަސްވެރި ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތައް ނަގާފައި ހުންނަ ލޯންތައް ޑިއުވެގެން އެލޯންތައް ނުދެއްކޭ ހާލަތަށް ދާކަމަށެވެ. އަދި މަސްވެރި އާޢިލާތަކަށް ދައުލަތް ހިއްސާވާ ނުވަތަ ދައުލަތުން ހިންގާ ބައެއް ކަހަލަ ޔުނިވަރސިޓީތަކާއި ކޮލެޖްތަކަށް ދައްކަންޖެހޭ ފީތައް ނުދެއްކި ހުރި ކަމަށާއި ބައެއް ކަހަލަ ޔުޓިލިޓީ ބިލްތައް ނުދެއްކިގެން އެބިލްތަކަށް ޖޫރިމަނާ އަރަމުންދާ ކަމަށެވެ. އަދި ކަރަންޓް ނޫނީ ފެން އެގޭގެއިން ކަނޑާލަމުންދާ ކަމަށެވެ.

"އުއްމީދުކުރަން މިދަފްތަރުގެ އެހީގައި މިދަންނަވާ މުއައްސަސާތަކާ މިދަފްތަރު ގުޅުވޭ ހިސާބުން ފެށިގެން އޭން އެނގޭނެ މިފްކޯއިން އެބައޮތްކަން މިދޯނީގެ މިވެނި މަސްވެރިއަކަށް މިވެނި އަދަދަކަށް މިވެނި މަހެއްގަ ފައިސާއަންނަން. އެހެންވެއްޖެކަމަށްވަނީނަމަ އެއްކަލަ ޔުޓިލިޓީ ކުންފުނި އެއީ ފެނަކަވިޔަސް ސްޓެކްލޯވިޔަސް އެގޭގެ ކަރަންޓް ނޫނީ ފެން ކަނޑާނުލާ ބެހެއްޓޭނެ އިންތިޒާމްތައް ރަނގަޅު މަސައްކަތެއް މިދަފްތަރާއެއްކޮށް ކޮށްފިނަމަ އެކަންތައްތައް ހައްލުކޮށްލެވޭނެ. މިކަހަލަ ބައިވަރު ކަންތައްތައް މަސްވެރިންގެ ދަފްތަރާއެކީގައި ހާސިލްކުރެވިގެންދާނެ." ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތުގައި މަސްވެރިންގެ ހުރި ނުތަނަވަސްކަން ފިލުވާލަދޭނެ ކަމަށާއި އެކަމަށް މިތިބީ ތައްޔާރަށް ކަމުގެ ޔަޤީންކަން ވަޒީރު ޝިޔާމް ދެއްވިއެވެ.

ވަޒީރު ވިދާޅުވީ މަސްވެރިންނަށް ވަގުތުން ފައިސާ ދިނުމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން ރައީސުލްޖުމްހޫރިއްޔާ މަސައްކަތްތަކެއް ފަށްޓަވާފައިވާ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ރަމަޟާންމަހުގެ ކުރިއަށް މަސްވެރިންނަށް ނުލިބިހުރި ފައިސާ ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތްޕުޅުކަމަށާއި، އިރާދަކުރެއްވިއްޔާ އެއުނދަގޫ ރަމަޟާންމަހުގެ ކުރިން ހައްލުކުރާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.