ޚަބަރު

ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން މުބާރާތުގެ ރެކޯޑިންތައް ފަށައިފި


  • މިއަހަރުގެ މުބާރާތްވެސް ކުރިއަށް ގެންދަނީ 3 އުމުރުފުރާއަކަށް

  • މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ ނިޔަލަށް

މިއަހަރުގެ ރަމަޟާންމަހު ޕީއެސްމްއިން ގެނެސްދޭ ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ރެކޯޑިން ފަށައިފިއެވެ.

ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތަކީ ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މިފަހަރުގެ މުބާރާތް އޮންނަނީ ހަމައެކަނި ބަލައިގެން ކިޔެވުމުގެ ބައެވެ. އަދި މުބާރާތުގެ އޮޑިޝަންގެ ބަދަލުގައި ރިކޯޑިންއެއް ކުރިއަށް ގެންދާނެއެވެ. މިފަހަރުގެ މުބާރާތުގައި ޓީވީން ދެއްކުމަށް ހަމަޖެހިފައިވަނީ ރިކޯޑިންގައި މަދުވެގެން 40 ޕޮއިންޓް ލިބޭ ބައިވެރިންގެ ކިޔެވުމެވެ.

އެހެން އަހަރުތަކެކެކޭ އެއްފަދައިން މިއަހަރުގެ މުބާރާތްވެސް ކުރިއަށް ގެންދަނީ 3 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ 5 އަހަރާއި 7 އަހަރާ ދެމެދުގެ އުމުރު ފުރާއާއި 7 އަހަރާއި 10 އަހަރާ ދެމެދުގެ އުމުރުފުރާގެ އިތުރުން 10 އަހަރާއި 12 އަހަރާ ދެމެދުގެ އުމުރުފުރާއެވެ. މިއިން ކޮންމެ އުމުރު ފުރާއަކުން ބައިވެރިވާ ކުއްޖަކުވެސް ކިޔަވާނީ އެކުއްޖެއްގެ މުޤައްރަރުން ގުރުއަތުން ޖެހޭ ސޫރަތެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ ނިޔަލަށް ހުޅުވާލާފައިވާއިރު ރެކޯޑިންތައް ކުރިއަށް ގެންދާނީ ޕީއެސްއެމް ރޯޑިއޯ ބިލްޑިންގެ ސެނެކޯ މާލަމުގައި އަނަންމަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ރެކޯޑިންއަށް އަންނަން ޖެހޭ ވަގުތު އެސްއެމްއެސްއެއް މެދުވެރިކޮށް ބައިވެރިންގެ ބެލެނިވެރިންނަށް އަންގަމުންދާނެއެވެ. އެހެންކަމުން ކަނޑައެޅިފައިވާ ވަގުތަށް ރެކޯޑިންއަށް ދިއުމަށް މި މުބާރާތުގެ ޕްރޮޑަކްޝަން ޓީމުން އެދެއެވެ.

މިއަހަރުގެ މުބާރާތުގެ ފަނޑިޔާރުންނަކީވެސް އަލްޤާރީ މުޙައްމަދު ވަޙީދާއި އަލްޤާރިޔާ ފަޠިމަތު ރިޝްމީއެވެ.