ޚަބަރު

ސިފައިންގެ ވަޒީފާއަށް ވަނުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި


  • އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކަށް ވާންޖެހޭ

  • ވޭތުވެދިޔަ 5 އަހަރު ކުށުގެ ރެކޯޑެއް އޮތް މީހަކަށް ވެގެން ނުވާނެ

  • މިމަހުގެ ނިޔަލަށް ފޯމް ހުށައެޅޭނެ

ސިފައިންގެ ވަޒީފާއަށް ވަނުމަށް އެދި ހުށަހެޅުމުގެ މުއްދަތު ފެބްރުއަރީމަހުގެ 29 ވަނަ ދުވަހަށް އިތުރުކޮށްފިއެވެ.

މިދިޔަ މަހުގެ 22 ވަނަ ދުވަހު ސިފައިންގެ ވަޒިފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލިއިރު އެ މުއްދަތު ބުރާސްފަތި ދުވަހަށް ވަނީ ހަމަވެފައެވެ. އެހެންނަމަވެސް މިހާރު މިވަނީ އެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރުކޮށްދީފައެވެ.

ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެެއްކަމުގައިވުމާއި، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކަށް ވާންޖެހެއެވެ. މީގެ އިތުރުން ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވެގެން ނުވާނެއެވެ.

ދިވެހި ސިފައިންގެ ޚިދުމަތުން ވިދާޅުވީ ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ އިތުރުން، އިންޓަވިއުތަކަށާއި، ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށް ދޭ ފިޒިކަލް އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާގެ އިތުރުން އިސްކޮޅާއި ހަށިގަނޑުގެ ރޫފައަށް ބަލާނެކަމަށެވެ.

ސިފައިންގެ ވަޒީފާއަށް އެދޭ ފޯމު ޑިފެންސް މިނިސްޓްރީގެ ވެބްސައިޓުންނާއި އެމްއެންޑީއެފް ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއެކު ޕޮލިސް ރިޕޯޓު ހުށަހަޅަން ޖެހޭނެއެވެ.

ވަޒީފާއަށް އެދޭ ފޯމު މިމަހުގެ 29 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް އެމްއެންޑީއެފްގެ އޭރިއާ ކޮމާންޑްތަކުންނާއި ޑިފެންސް މިނިސްޓްރީން ބަލައިގަންނާނެއެވެ. އަދި، [email protected] އަށް އީމެއިލް މެދުވެރިކޮށް ވެސް ފޯމް ހުށަހެޅޭނެއެވެ.