ކުޅިވަރު

މަސްއޮޑިއާ ދެކޮޅަށް ވިކްޓަރީ ނުކުންނާނީ އިހުތިރާމު ދީގެން: ސޮބާ


އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި މަސްއޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށް ނުކުންނާނީ އެ އިހުތިރާމުދީގެން ކަމަށް ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޯޗު ސޮބާހު މުޙައްމަދު (ސޮބާ) ބުނެފިއެވެ.

ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލުގައި ވާދަވެރި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު 2-0 ގެ ނަތީޖާއަކުން ބަލިކޮށް، ވިކްޓަރީ ވަނީ ފުރަތަމަ ޑިވިޝަނަށް ދަތުރުކޮށްފައެވެ. ނަމަވެސް ކޯޗު ސޮބާގެ ވިސްނުން ހުރީ ފައިނަލް މެޗުވެސް ކާމިޔާބުކޮށް ޗެމްޕިއަން ޓީމުގެ ގޮތުގައި ފުރަތަމަ ޑިވިޝަނަށް ދިއުމަށެވެ.

އެ މެޗަށްފަހު ވާހަކަދައްކަމުން ސޮބާ ބުނީ މިއީ ދިވެހި ފުޓްބޯޅައަށް ލިބުނު ކާމިޔާބީއެއް ކަމަށާއި، ހާއްސަކޮށް ޔަންގް ޖެނެރޭޝަނަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި ކާމިޔާބު ހޯދަން ލިބުނު އެންމެ ބޮޑު ޕްލަސް ޕޮއިންޓަކީ ސީނިއާ ކުޅުންތެރިންގެ ޑިސިޕްލިން ކަމަށާއި، އެ ކުޅުންތެރިން މެޗުތައް ކާމިޔާބުކުރަން ކުރި މަސައްކަތާއި، ފަރިތަކުރުންތަކުގައި ދެއްކި އަޚުލާގު ސޮބާ ފާހަގަކުރިއެވެ.

މީގެ ކުރިން ވިކްޓަރީގެ ކެޕްޓަންކަންވެސް ކޮށްފައިވާ ސޮބާ ވަނީ އެ ކުލަބުގައި އަށް އަހަރު ހޭދަކޮށް ގިނަ ކާމިޔާބީތަކެއް އެ ކުލަބަށް ހޯދައިދީފައެވެ. އަދި ކުލަބުގެ އެންމެ ދަށް ދުވަސްވަރު ކަމަށްވާ 2013 ގެ ރެލިގޭޝަނުގެ ތެރޭގައިވެސް ސޮބާ އެ ކުލަބުގައި މަސައްކަތްކުރިއެވެ.

މީގެ ކުރިން 2016 ވަނަ އަހަރު ކުލަބު ގްރީން ސްޓްރީޓްސް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުކޮށްދިން ކޯޗު ވަނީ މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓުން ދެވަނަ ޑިވިޝަނުގައި ކުޅުނުއިރު، އެ ޓީމުގެ ކޯޗުކަންކޮށްފައެވެ. ނަމަވެސް ސެމީ ފައިނަލުން ބަލިވެ ނިއު ރޭޑިއަންޓް ކެޓީ އެ ފަހަރު ޗެމްޕިއަންކަން ހޯދި ބުރު ސްޕޯޓްސް ކުލަބު އަތުންނެވެ.

ވިކްޓަރީން މި ފަހަރުގެ މުބާރާތަށް ނުކުތީ ވަރުގަދަ ސްކޮޑަކާއެކު ކުރީބައިގައި ތައްޔާރުވެގެންނެވެ. އެ ގޮތުން ވިކްޓަރީން ވަނީ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް އެ ޓީމުގެ ސްކޮޑުގައި ޖަހާފައެވެ.