ޚަބަރު

މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ނަން ތަރުތީބުކުރުން މާދަމާ


  • 381 މީހަކު އިންތިހާބުގައި ވާދަކުރަން ނަން ހުށަހެޅި

  • 89 ދާއިރާއަކަށް މެމްބަރުން އިންތިހާބުކުރާނެ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް، ކުރިމަތިލާ ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ނަންތައް ތަރުތީބު ކުރުން މާދަމާ ކުރިއަށްދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ، އަދި އެކަމަށް އޮތް މުއްދަތު އިއްޔެ މެންދުރުފަހު ވަނީ ހަމަވެފައެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ހުޅުވާލި ފުރުސަތު ހަމަވިއިރު 381 މީހަކު އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށް އިލެކްޝަނުން ވިދާޅުވެއެވެ. ނަމަވެސް އެންމެފަހު ދުވަހު ފޯމް ހުށަހެޅި ބޭފުޅުންގެ ފޯމް ވެރިފައިކުރުމަށްފަހު މިރޭގެ ނިޔަލަށް އެ ބޭފުޅުންނަށް އަންގަވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް، ކުރިމަތިލާ ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތުނެގުން މާދަމާ މެންދުރުފަހު 2:00 އިން ފެށިގެން، ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވާކަމަށެވެ. އަދި ގުރުއަތު ނެގުން އޮންނާނީ އިންތިޚާބާބެހޭ މަރުކަޒު ޤާއިމްކޮށްފައިވާ ދަރުބާރުގޭގައިކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ކެންޑިޑޭޓަކަށް ގުރުއަތު ނަގާ ވަގުތަށް ވަޑައިގަތުމަށް އުޒުރުވެރިވެ ވަޑައިގެންފިނަމަ، ސިޓީއަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުއްވުމުން ގުރުއަތު ނެގުމުގައި ބައިވެރި ވެވޭނެކަމަށެވެ. އަދި ކެންޑިޑޭޓު ނުވަތަ ބަދަލުގައި ބޭފުޅަކު ހާޟިރު ނުވާނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުންކަމަށާއި ގަޑިއަށް ޙާޟިރުވެ ވަޑައިނުގަންނަވާ ބޭފުޅުން ވަޑައިގަންނަވަންދެން ގުރުއަތުލުން ފަސް ނުކުރައްވާނެކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބުކުރާނެއެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސްއިން ނިންމަވާފައިވަނީ މާޗު 17ގައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން އެ ތާރީހު ބަދަލުވާނެއެވެ. އެ ޤާނޫނަށް ގެނައި އިސްލާހުގެ ދަށުން އިންތިޚާބެއް ރަމަޟާން މަހާ ދިމާވާނަމަ އެ އިންތިޚާބެއް ބޭއްވޭނީ ރަމަޟާން މަސް ނިމި، 10 ދުވަސް ފަހުންނެވެ.