ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި ފަންނުވެރިކަން އާންމުންނަށް ދައްކާލާ، އެފަރާތްތައް ބާރުވެރިކުރުމަށް ކުރިއަށްގެންދާ "ރިވެލި ކާނިވަލް" ފަށައިފިއެވެ.
އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ކުރިއަށްގެންދާ މި ކާނިވަލް ހުޅުވައިދެއްވީ އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ.އާއިޝަތު ޝިހާމްއެވެ.
ހުކުރުދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ކާނިވަލް ހުޅުވައިދެއްވުމަށްފަހު ޑރ.އާއިޝަތު ޝިހާމް ވަނީ އެކި ސްޓޯލްކަށް ވަޑައިގެން އެތަނުގައި ހިނގާ ކަންކަން ބައްލަވާލައްވާފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިން ޚާއްސަކޮށްގެން ކުރިއަށްގެންދާ މި ކާނިވަލްއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުވެރިން ފާހަގަކޮށް، މި ހުނަރުވެރިކަމާއި، މަސައްކަތްތެރިކަން ދައްކާލުމަށް ލިބޭ ފުރުޞަތުތައް އިތުރަށް ފުޅާކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ކާނިވަލެކެވެ. އަދި މިއީ އިޖުތިމާޢީ ހަރަކާތެއްގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރު ފުރުޞަތުތަކެއް ހޯދައިދިނުމަށް ކުރިއަށްގެންދާ ކާނިވަލްއެއްކަމަށްވެސް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މި ކާނިވާ ކުރިއަށްގެންދަނީ މިއަދާއި މާދަމާ، ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން މި ދެ ދުވަހުގެ ހަވީރު 4:00-6:00 އަށް އަދި ރޭގަނޑުގެ 8:00-10:00 އަށް ކާނިވަލްގެ ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވެއެވެ.
މި ކާނިވަލްއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާޠިފް ވިދާޅުވީ މި ކާނިވަލުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސްޓޭޖު ހަރަކާތްތަކާއި، މަސައްކަތްތެރިކަން ދައްކާލުމުގެ މަޢުރަޒާއި، އެކި ކުޅިވަރުތަކާއި، މަޢުލޫމާތު ޑެސްކްތަކުގެ ޒަރީޢާއިން ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ޚިދުމަތް ލިބޭ ގޮތުގެ މަޢުލޫމާތުތައް ފޯރުކޮށްދެއްވާނެކަމަށެވެ. އަދި މި ކާނިވަލްގައި 60 އަށްވުރެ ގިނަ ސްޓޯލްއާއެކު 400 އަށްވުރެ ގިނަ މީހުން ބައިވެރިވާކަމަށް އާޠިފް ވިދާޅުވިއެވެ.
" މި ކާނިވަލްގައި އެކި ސްކޫލްތަކުންނާއި ކުންފުނިތަކުންވެސް ބައިވެރިވޭ. ކުދިންގެ ހުނަރުތައް ދައްކަލުމުގެ ފުރުޞަތު ލިބޭނެ. މި ކާނިވަލް މާދަމާރޭ ނިންމާލާއިރު ލަކީ ޑްރޯއެއްވެސް ނަގާނެ."ޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާޠިފް ވިދާޅުވިއެވެ.
މިއަހަރުގެ ރިވެލި ކާނިވަލަކީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމަޢުގައި ޝާމިލްކުރުމުގެ މަސައްކަތް ފުޅާކޮށް، ޢާއިލީ ވެއްޓެއްގައި މުނިފޫހިފިލިވުމުގެ އެކި ހަރަކާތްތައް ހިމެނޭހެން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުރި ފުރުޞަތުތަކާއި، އެފަރާތްތަކަށް ބޭނުންވާ އެކި މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދެވޭ ކާނިވަލެއްކަމަށް ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމަށް ކުރެވޭ މިފަދަ މަސައްކަތްތަކުގެ ސަބަބުން ކަމާއި ގުޅުންހުރި އެންމެހާ މުއައްސަސާތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ލާބައާއި މަންފާއަށް މަސައްކަތްކުރާ އެކި ފަރުދުންނާއި ދެމެދު އޮންނަ ގުޅުން ހަރުދަނާވެ، މިފަދަ ހަރަކާތްތައް ކުރިއަށް އޮތްތާނގައި ހިންގުމަށް އިތުރު ހިއްވަރެއް ލިބިގެންދާނެކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.