މޫސުމަށް އަންނަ ބަދަލުތަކާބެހޭ އާ އެއްބަސްވުން، " ޕެރިސް އެގްރީމަންޓް "ގައި ސޮއިކޮށް، އެއްބަސްވުން ފުރަތަމަ ތަންފީޒުކުރަންފަށާ މަދު ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަމަށާ މިއީ ވަރަށްބޮޑު ކާމިޔާބީއެއްކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ވިދާޅުވެއްޖެއެވެ. އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް މިހެން ވިދާޅުވީ ޕެރިސް އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން މިއަދު އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއާރޕޯޓްގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުންނެވެ.
މިނިސްޓަރ ޠާރިޤް ވިދާޅުވީ މި އެގްރިމެންޓްގައި 150 އަށް ވުރެގިނަ ގައުމުން މިފަހަރު ސޮއިކުރާނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި، އެހެންނަމަވެސް އެ އެގްރިމެންޓް ތަސްދީގުކުރަނީ އެގާރަވަރަކަށް ޤައުމުންކަމަށެވެ. މި އެގާރަ ޤައުމުގެ ތެރޭގައި ކުދިޖަޒީރާ ޤައުމުތަކުގެ ތެރެއިން ހަތް ޤައުމެއް ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވަނީ، މިކަމާބެހޭގޮތުން މި މަހުގެ 22 ވަނަ ދުވަހު އދ. ގެ ސެކްރެޓަރީ ޖެނެރަލް އިންތިޒާމްކުރައްވާ ޚާއްޞަ ރަސްމިއްޔާތެއްގައި، އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމްކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.
މި އެއްބަސްވުން ޢަމަލީ ސިފައަކަށް އައުމަށް، މަދުވެގެން 55 ގައުމަކުން ބައިވެރިވުމާއެކު، ދުނިޔެއިން ޖައްވަށް ބޭރުކުރާ ގްރީންހައުސް ގޭހުގެ 55 އިންސައްތަ ހިއްސާކުރާ މިންވަރަށް މި އެއްބަސްވުމުގައި ބައިވެރިން ހިމެނެން ޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރ ޠާރިގު ވިދާޅުވީ އެހެން ގައުމުތަކުން އެގްރިމެންޓްގައި ސޮއިކުރުން އަވަސް ކުރަންޖެހޭ ކަމަށެވެ. އަދި ޚާއްޞަކޮށް މި އެގްރިމެންޓަށް އަމަލީ ސިފައެއް ގެނައުމަށްޓަކައި ބޮޑެތި ގައުމުތަކުން ބައިވެރިވުން ވަރަށް މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ
މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ޙައްލުކުރުމަށް ބައިނަލްއަޤްވާމީ ފިޔަވަޅު އެޅުމަށް، ބައިނަލްއަޤްވާމީ މައިދާނުގައި، 1987 ވަނަ އަހަރުން ފެށިގެން ރާއްޖެ ވަކާލާތު ކުރަމުންދާކަމަށާ އަދި މިދިޔަ އަހަރުއްސުރެ އެއޯސިސްގެ ރިޔާސަތުވެސް ބަލަހައްޓަވަމުން ގެންދަވަނީ ރާއްޖެއިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މިނިސްޓަރ ޠާރިގު ވަނީ މޫސުމާއި ގުޅޭކަންކަމުގައި ރައީސް އަބްދުﷲ ޔާމީން ދެއްވާ އިސްކަން ފާހަގަކޮށް އެމަނިކުފާނަށާއި، މި އެގްރީމެންޓްގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރެއްވީތީ ރައްޔިތުންގެ މަޖިލީހަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.