ޤައުމީ ބަތަލުން ފަަދައިން، ޤައުމީ ވާޖިބު އަދާކުރަނިކޮށް ދުނިޔެ ދޫކޮށްދާ ހިދުމަތްތެރިންގެ ޒިކުރާ އައުކުރަންޖެހޭކަމަށް ރައީސުކްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ 1445 ވަނަ އަހަރުގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުކްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ ޝަހީދުންގެ ދުވަސް އެ ބޭފުޅަކަށް ހާއްސަވާ އަލިރަސްގެފާނު، އިސްލާމް ދީނާއި ދިވެހި ޤައުމުގެ ދިފާއުގައި ޕޯޗުގީޒުންނާއި ދެކޮޅަށް ކުރެއްވި ޖިހާދަކީ އިބުރަތުން ފުރިގެންވާ ޖިހާދެއްކަމަށެވެ. އަދި ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަށްފަހު ރާއްޖޭގައި ޝަހީދުންގެ ދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރެވި އަލިރަސްގެފާނުގެ ޒިކުރާ އައު ކުރެވިގެންދާކަމީ އުފާތަކެއް ގެނުވާކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަލިރަސްގެފާނުގެ ގުރުބާނީ އަޅުގަނޑުމެން ތާއަބަދަށް ހަނދުމަކުރުމަކީ މި ޤައުމާއި އިސްލާމީ ވަހުދަތު ހިމާޔަތްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް. ޝަހީދުންގެ ދުވަހަށް ދޭންޖެހޭ ހާއްސަ ދަރަޖަ ދެއްވައިގެން ޤައުމީ ދުވަހެއްގެ ގޮތުގައި މިދުވަސް ފާހަގަކުރައްވަން ފެއްޓެވިކަމަށްޓަކައި ރައީސް މުއިއްޒަށް ހާއްސަ ޝުކުރެއް ދަންނަވަން" ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ އަލިރަސްގެފާނުފަދަ ޤައުމީ ބަތަލުންގެ ޒިކުރާ އެންމެހާ ދިވެހިން އައު ކުރުމަކީ ދިވެހި ފަސްގަނޑަށް އޮތް ލޯބި އާލާވާކަމެއްކަމަށެވެ. އަދި ޤައުމީ ވާޖިބު އަދާކުރައްވަނިކޮށް ޝަހީދުވާ އެންމެހާ ހިދުމަތްތެރިންގެ ހިދުމަތް ފާހަގަކުރަންޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ޤައުމީ ބަތަލުންގެ ޖިހާދުން ފިލާވަޅާއި އިބުރަތް ހާސިލުކުރަންޖެހޭކަމަށާއި އަދި ކޮންމެ ދިވެހި ދަރިޔަކު ވަފާތެރިކަމާއި އަމާނަތްތެރިކަމާއެކު ދިނާއި ޤައުމަށް ހިދުމަތް ކުރުމަކީ ލިބޭ އުފަލަކަށް ހަދަންޖެހޭކަމަށެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި މިއަދުގެ ޅަދަރިންނަކީ މާދަމާގެ މުސްތަގްބަލަށްވާއިރު، އެ ކުދިންގެ ހިތްތަކުގައި ޤައުމަށް އޮތް ލޯބި އާލާކުރުމަކީ ޤައުމުގެ ސިޔާދަތާއި މިނިވަންކަމަށް ކޮށްދެވޭނެ އެންމެ މަތިވެރި ހިދުމަތްކަންވެސް ފާހަގަކުރެއްވިއެވެ.
ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ސަރުކާރުގެ ވަޒީރުންނާއި ސްކޫލް ދަރިވަރުން ބައިވެރިވިއެވެ. މި ޖަލްސާ ނިންމާލާފައި ވަނީ ޤައުމީ ދިދައަށް ޢިއްޒަތް ދިނުމާއެކު ޤައުމީ ސަލާމުންނެވެ.