މިދިޔަ ސަރުކާރުން އެތުލީޓުންގެ ތަމްރީނުތަކަށް ފެށި "އަރުތަ" ޕްރޮގްރާމުން ދީފައިވާ އެއްވެސް ސްކޮލަޝިޕެއް އަތުލުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ކުޅިވަރު އެތުލީޓުންގެ ތަމްރީނުތަކާއި ބައިނަލްއަގުވާމީ މުބާރާތްތަކާއި ތަމްރީނުތަކަށް ޚަރަދުކުރުމުގެ ގޮތުން މިދިޔަ ސަރުކާރުން އަރުތަ ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. މީގެ ކުރިން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ރިޔާޒް ވަނީ އަރުތަ ޕްރޮގްރާމް ރިވިއުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަދައްކަވަމުން ވަޒީރު ވިދާޅުވީ އަރުތަ ޕްރޮގްރާމަކީ އަލުން ދިރާސާކޮށް އުސޫލެއްގެ ތެރެއަށް ފައްތަންޖެހޭ ޕްރޮގްރާމެއް ކަމަށެވެ. ސްކޮލަޝިޕް ދީފައި ހުރި ގޮތާ މެދު ވަޒީރު ކަންބޮޑުވުން ފާޅުކުރެއްވިއިރު، ކުރިއަށްހުރި ސްކޮލަޝިޕްތަކުގެ ފުރުސަތު ދެވިގެންދާނީ އުސޫލުތަކަށް ބެލުމަށްފަހު، އެސޯސިއޭޝަންތަކާވެސް މަޝްވަރާކުރެވިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަމަކު އަރުތަ ޕްރޮގްރާމުން ދީފައިވާ އެއްވެސް ސްކޮލަޝިޕެއް ކެންސަލެއް ނުކުރާނެކަމުގެ ޔަގީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މިހާރު ހުރި ސްކޮލަޝިޕުތައްވެސް ވަކި އުސޫލެއް ދަށަށް ފައްތައިގެން، ވަކި ހަމައެއްގެ ތެރެއިން، އެސޯސިއޭޝަންތަކާވެސް ގުޅިގެން ކުރިއަށް ދިޔުމަށް.ޢަބްދުﷲ ރާފިޢު - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު
މިދިޔަ ސަރުކާރުގެ ދައުރު ހަމަވިއިރު އެ ޕްރޮގްރާމުގައި 50 އަށްވުރެ ގިނަ އެތުލީޓުން ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ޓޭބަލް ޓެނިސް، އެތުލެޓިކްސް، ސްވިމިން، ޓެނިސް އަދި ބީޗް ވޮލީބޯޅައިގެ ކުޅުންތެރިން ހިމެނެއެވެ. ސަރުކާރުން ވަނީ މި އެތުލީޓުންނަށް މާލީގޮތުން ބޮޑެތި ޚަރަދުތަކެއް ކޮށްފައެވެ. އޭގެ ތެރެއިން ބައެއް އެތުލީޓުންގެ އެއްބަސްވުން ކުރީ ސަރުކާރުން ވަނީ އައުކޮށްފައެވެ.
ސަރުކާރުން ފެށި އަރުތަ ޕްރޮގްރާމުގެ ދަށުން އެތުލީޓުންގެ ތަމްރީނުތަކަށާއި އަދި އެ ނޫންވެސް ބޭނުންތަކަށް އަރުތަ ޕްރޮގްރާމުގެ ދަށުން ވަނީ މާލީ އެހީތެރިކަން ދީފައެވެ.