ޚަބަރު

15000 ހައުސިންގ ޔުނިޓް ޢިމާރާތްކުރުމުގެ މަޝްރޫޢު އިފްތިތާހްކޮށްފި


ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ ގެދޮރުވެރިކުރުމުގެ ވަޢުދުގެ ދަށުން ފަނަރަ ހާސް ހައުސިންގ ޔުނިޓް ޢިމާރާތްކުރުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވައިފިއެވެ.

ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި 15 ހާސް ހައުސިންގ ޔުނިޓް ޢިމާރާތްކުރުމުގެ މަޝްރޫޢުއާއި އިސްލާމިކް ފެސިލިޓީސް ލޯން ސްކީމް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމްއެވެ.

15 ހާސް ހައުސިންގ ޔުނިޓްގެ ތެރެއިން ހަތް ހާސް ހައުސިންގ ޔުނިޓް ޢިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރެއްވީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކޯޕަރޭޝަނާއެވެ. ތުރުކީގެ އޮސްޓާރ ހޯލްޑިންގ ކުންފުންނާއި ފަސް ހާސް ހައުސިންގ ޔުނިޓް ޢިމާރާތްކުރަން ހަވާލުކުރެއްވިއިރު، ޗައިނާގެ އިތުރު ދެ ކުންފުންޏަކަށް، ކޮންމެ ކުންފުންޏަކަށް އެއްހާސް ހައުސިންގ ޔުނިޓް ޢިމާރާތްކުރުމަށް ހަވާލުކުރެއްވިއެވެ. އަދި ލަންކާގެ ކުންފުންޏަކާވެސް އެއްހާސް ހައުސިންގ ޔުނިޓް ޢިމާރާތްކުރުމަށް ހަވާލުކުރެއްވިއެވެ.

ގެދޮރުވެރިކުރުވުމުގެ ވައުދުގެ ދަށުން ރޭ އިފްތިތާހްކުރެވުނު 15 ހާސް ހައުސިންގ ޔުނިޓަކީ ދެ ކޮޓަރީގެ އެޕާރޓްމަންޓްތަކެކެވެ.

ގެދޮރުވެރިކުރުވުމުގެ މަޝްރޫއުތައް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ ފަނަރަ ހާސް ހައުސިންގ ޔުނިޓްގެ މަސައްކަތް 2018 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ކުރިން ނިންމާ، ޒުވާނުންނަށް ހުޅުވާލެއްވުންކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި މާލޭގެ 162 ނަމްބަރު ކޮށްޓާއި 135 ނަމްބަރު ކޮށީގައި އިންޑިއާގެ ޓާޓާ ކުންފުނިން ޢިމާރާތްކޮށްފައިވާ ފްލެޓްތައް ސަރުކާރާއި ހަވާލުކުރެއްވިއެވެ.