ކުޅިވަރު

އިހަވަންދޫ ކްލަބް ޕޯލް ސްޓަރ ޗެމްޕިއަންކަން ހޯދައިފި


ވީއޭއެމް ޕްރެޒިޑެންޓްކަޕް ނޯތް ޒޯންގެ ޗެމްޕިއަންކަން ވިދިވިދިގެން ތިންވަނަ ފަހަރަށް އިހަވަންދޫ ކްލަބް ޕޯލް ސްޓަރ ހޯދައިފިއެވެ. އިހަވަންދޫ ކްލަބް ޕޯލް ސްޓަރ ޗެމްޕިއަންކަން ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލްގައި ސޮސައިޓީ ފޮރ ކުޅުދުއްފުށި ޔޫތާއި ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

 އިހަވަންދޫ ޓީމް މެޗުގެ ސެޓްތައް ގެންދިޔައީ 25-17، 25-11 އަދި 25-22 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އިހަވަންދޫ ޓީމްގެ ފާޠިމަތު ތަހޫރާއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. މުބާރާތުގެ ޑްރީމް ޓީމްގައިވެސް އޭނާ ހިމެނެއެވެ. 

ޑްރީމް ޓީމްގައި ދެން ހިމެނެނީ ކްލަބް ޕޯލް ސްޓަރގެ ފާޠިމަތު ޝަނީޒާ، އައިޝަތު އަޒްހާރާ، ފާޠިމަތު ރަޝީދާ، ލިބަރޯ ނާޒިމާ އަބުދުލް ވާހިދު، އަދި ކުޅުދުއްފުށި ޓީމްގެ މަރިޔަމް މިޒްނާއެވެ. އެންމެ މޮޅު ކޯޗަކީ ކުޅުދުއްފުށި ޔޫތްގެ ސޮފްވާން އަހުމަދެވެ. ނަވާރަ އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ޕޯލް ސަޓަރގެ ފާޠިމަތު ޝަނީޒާއެވެ. އެކާވީސް އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ ކުޅުދުއްފުށި ޓީމްގެ މަރިޔަމް މިޒްނާއެވެ.