ޚަބަރު

"ސީކްރެޓް ރެސިޕީ" މާލޭގައި ހުޅުވައިފި


މެލޭޝިޔާގެ މަޝްހޫރު ފްރެންޗައިޒް ރެސްޓޯރެންޓެއް ކަމަށްވާ "ސީކްރެޓް ރެސިޕީ" ގެ އެންމެ ބޮޑު ރެސްޓޯރެންޓް މާލޭގައި ހުޅުވައިފިއެވެ. 

މިއަދު ހަވީރު މި ރެސްޓޯރެންޓް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އެކި ބާވަތްތަކުގެ ކޭކަށް ޚާއްސަ " ސީކްރެޓް ރެސިޕީ " ރެސްޓޯރެންޓަކީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ގިނަ ދިވެހިންގެ މެދުގައި މަޤްބޫލު ތަނެކެވެ. ރާއްޖެއަށް ސީކްރެޓް ރެސިޕީ ތަޢާރަފްކޮށްފައި މިވަނީ ލިލީ އެފްއެންބީގެ ފަރާތުންނެވެ. އެކުންފުނިން މަޢުލޫމާތު ދިންގޮތުގައި ރާއްޖެއާއިއެކު ދުނިޔޭގެ 9 ޤައުމެއްގައި މިހާރު ސީކްރެޓް ރެސިޕީގެ ރެސްޓޯރެންޓްތަށް ހުޅުވިފައި ވާއިރު ރާއްޖޭގެ ރެސްޓޯރެންޓަކީ ޖާގައިގެ ގޮތުން އެންމެ ބޮޑު ރެސްޓޯރެންޓެވެ. 

މަޖީދީމަގު ބިއްލޫރިޖެހިގެ ހުންނަ ކޮށީގެ ހުޅަނގު ކޮށީގައި ހުޅުވި މި ރެސްޓޯރެންޓުން "ސީކްރެޓް ރެސިޕީ"ގެ ޚާއްސަ ކޭކު ތަކުގެ އިތުރުން ހުރިހާ އުމުރެއްގެ މީހުންނަށްވެސް ކެވޭނެ ކަހަލަ ބާވަތްތައް ލިބެން ހުންނާނެ ކަމަށް އެ ރެސްޓޯރެންޓުން މަޢުލޫމާތުދެއެވެ. ތިން ފަންގިފިލާއަށް ހަދާފައިހުރި މި ރެސްޓޯރެންޓު ފަރުމާކޮށްފައި ވަނީ އެއްފަހަރާ 200 މީހުންނަށް ޚިދުމަތް ދެވޭނެ ފަދަ ގޮތަކަށެވެ.

ސީކްރެޓް ރެސިޕީ އަކީ މީގެ 19 އަހަރު ކުރިން މެލޭޝިޔާގައި އުފެދިގެންއައި ބްރޭންޑެކެވެ. މި ބްރޭންޑްގެ ރެސްޓޯރެންޓްތައް މެލޭޝިޔާ އާއި ރާއްޖޭގެ އިތުރުން ސިންގަޕޫރު، ތައިލޭންޑް، އިންޑޮނޭޝިޔާ، ޗައިނާ، ބުރޫނާއި، ކެމްބޯޑިޔާ އަދި މިޔަންމާގައި ހުޅުވާފައިވެއެވެ.