ކުޅިވަރު

ސާފް ޗެމްޕިއަންޝިޕުގެ ތަށި ހޯދުމަށްވުރެ ވިކްޓަރީގެ މަސައްކަތް ސޮބާއަށް ބުރަ


ރާއްޖެއިން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ތަށި ހޯދުމަށް ކުރި މަސައްކަތަށްވުރެ ވިކްޓަރީ ސްޕޯޓްސް ކުލަބު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުކޮށްދިނުމުން ކޯޗެއްގެ ގޮތުގައި ކުރި މަސައްކަތް މާ ބުރަ ކަމަށް އެ ޓީމުގެ ކޯޗު ސޮބާހު މުޙައްމަދު (ސޮބާ) ބުނެފިއެވެ.

އެމްޕީއެލް ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލުގައި ވާދަވެރި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު 2-0 ގެ ނަތީޖާއަކުން ބަލިކޮށް ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް ގެންގޮސްދިނުމަށްފަހު ދިން އިންޓަވިއުއެއްގައި ސޮބާ ބުނީ މިއީ ކުޅުންތެރިން ކުރި ބުރަ މަސައްކަތް ކަމަށާއި، ސްކޮޑުގައި ތިބި ސީނިއާ ކުޅުންތެރިން މާދަމާ ކެރިއަރު ނިންމާލި ނަމަވެސް އެ މަސައްކަތް ފާހަގަކުރާނެ ކަމަށެވެ.

މީގެ ކުރިން ވިކްޓަރީގެ ކެޕްޓަންކަންވެސް ކޮށްފައިވާ ސޮބާ ވަނީ އެ ކުލަބުގައި އަށް އަހަރު ހޭދަކޮށް ގިނަ ކާމިޔާބީތަކެއް އެ ކުލަބަށް ހޯދައިދީފައެވެ. އަދި ކުލަބުގެ އެންމެ ދަށް ދުވަސްވަރު ކަމަށްވާ 2013 ގެ ރެލިގޭޝަނުގެ ތެރޭގައިވެސް ސޮބާ އެ ކުލަބުގައި މަސައްކަތްކުރިއެވެ.

ސޮބާ ބުނީ މިއީ ހަޔާތުގައި ކުރި އެންމެ ބުރަ މަސައްކަތް ކަމަށާއި، ސާފް ޗެމްޕިއަންޝިޕަށްވުރެ ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުކޮށްދިނުމަށް އޮތް ޕްރެޝަރު މާ ބޮޑު ކަމަށެވެ. އަދި މި ކާމިޔާބީއާއެކު އުފާކުރި ނަމަވެސް، ހިތާމަކުރާ ކަމަށްވެސް ސޮބާ ބުންޏެވެ. އެއީ ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެ އެ ޓީމަށް ފުރަތަމަ ޑިވިޝަނުން ޖާގަ ނުލިބި ނިންމާލަން ޖެހުމުން ކަމަށްވެސް ވަނީ ބުނެފައެވެ.

"
އަޅުގަނޑަށް ހަގީގަތުގައި ބުނެވިދާނެ މި ކާމިޔާބީ އަކީ އަޅުގަނޑު ހަޔާތުގައި ކުރި އެންމެ ބުރަ މަސައްކަތް. އެންމެ ޕްރެޝަރު ބޮޑު އެއް މަސައްކަތް. ސާފް ޗެމްޕިއަންޝިޕަށްވުރެ އަޅުގަނޑަށް މީތީގެ ޕްރެޝަރު މާ ބޮޑު
ސޮބާހު މުޙައްމަދު (ސޮބާ) - ވިކްޓަރީގެ ކޯޗު

މީގެ ކުރިން 2016 ވަނަ އަހަރު ކުލަބު ގްރީން ސްޓްރީޓްސް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުކޮށްދިން ކޯޗު ވަނީ މިދިޔަ ސީޒަނުގައި ނިއު ރޭޑިއަންޓުން ދެވަނަ ޑިވިޝަނުގައި ކުޅުނުއިރު، އެ ޓީމުގެ ކޯޗުކަންކޮށްފައެވެ. ނަމަވެސް ސެމީ ފައިނަލުން ބަލިވެ ނިއު ރޭޑިއަންޓް ކެޓީ އެ ފަހަރު ޗެމްޕިއަންކަން ހޯދި ބުރު ސްޕޯޓްސް ކުލަބު އަތުންނެވެ.

މި ފަހަރުގެ ދެވަނަ ޑިވިޝަނުގެ ފައިނަލުން ފުރުސަތު ލިބޭ ދެ ޓީމަށްވެސް ފުރަތަމަ ޑިވިޝަނުގެ ޖާގައެއް ލިބޭނެއެވެ. އެއާއެކު މި އަހަރުގެ ދިވެހި ޕްރިމިއާ ލީގު ކުރިއަށްދާނީ 10 ޓީމާއެކުގައިކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ހާމަކޮށްފައެވެ.

ފައިނަލުގެ ޖާގައެއް ހޯދައި ފުރަތަމަ ޑިވިޝަނަށް ދެން ޕްރޮމޯޓުވީ މަސްއޮޑި ސްޕޯޓްސް ކުލަބެވެ. ވިކްޓަރީ އާއި މަސްއޮޑި ކުޅޭ ދެވަނަ ޑިވިޝަނުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެ ހަވީރެވެ.