ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން މިހާތަނަށް ފޯމު ހުށަހަޅާފައިވަނީ 295 މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. މި މުއްދަތު އަންނަ ބުދަ ދުވަހަށް ހަމަވާނެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް މިއަދު 112 މީހަކު ފޯމް ހުށަހަޅާފައިވާކަމަށެވެ. އެއާއެެކު މިހާތަނަށް ފޯމް ހުށަހެޅި މީހުންގެ ޖުމްލަ އަދަދަކީ 295 ކަމަށް ހަބީބް ވިދާޅުވިއެވެ.
މާދަމާއަކީ އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ އެންމެ ފަހުދުވަސްކަން ފާހަގަކުރައްވަމުން ހަބީބް ވިދާޅުވީ މާދަމާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ހެނދުނު 9:00 އިން، މެންދުރުފަހު 2:00 އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައިކަމަށެވެ.
ހަބީބް ވިދާޅުވީ ފޯމުތަކުގެ ސައްހަކަން ކަށަވަރުވުމާއެކު، ހުށަހެޅުންތަކަށް، އިލެކްޝަންސް ކޮމިޝަނުން ޖަވާބު ދޭނެކަމަށާއި އިއްޔެ ހުށަހެޅި އެޕްލިކޭޝަން ފޯމުތަކުގެ ޖަވާބު، މިރޭގެ ނިޔަލަށް ލިބިވަޑައިގަންނަވާނެކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ އަންނަ މާރޗްމަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް، ރަމަޟާންމަހު އިންތިޚާބެއް އޮންނަ ނަމަ، އެ އިންތިޚާބެއް ބޭއްވޭނީ ރަމަޟާންމަސް ނިމި 10 ދުވަސްފަހުން ކަމަށް ބުނެ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނަށް ގެނައި އިސްލާހު މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މިއިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފިނަމަ އިންތިޚާބު ބާއްވާ ތާރީޚު ބަދަލުވާނެއެވެ.