ކުޅިވަރު

ފައިނަލް މެޗަކާ ބަލާފަ ތަންކޮޅެއް ފަސޭހަ - އިހަވަންދޫ ކޯޗު


ވީއޭއެމް ޕްރެޒިޑެންޓް ކަޕް ނޯތް ޒޯން ކޮލިފިކޭޝަން އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ލިބުނީ ތަންކޮޅެއް ފަސޭހަ ފައިނަލަކަށްފަހުކަމަށް އިހަވަންދޫ ޓީމްގެ ކޯޗު މޫސާ ޒަމީރު ބުނެފިއެވެ. ސީދާ ތިން ސެޓުން ކުޅުދުއްފުށި ޓީމް ބަލިކޮށް ޗެމްޕިއަންކަން ހޯދުމަށްފަހު އޭނާ ބުނީ މެޗަށް ނިކުއިން އިރުވެސް އުއްމީދުއޮތްކަމަށާއި، ނަމަވެސް ހީކުރިވަރަށްވުރެ މެޗު ފަސޭހަކަމަށެވެ. 

 "ފައިނަލް މެޗަކާ ބަލާފަ ވަރަށް ފަސޭޙަކޮށް މެޗް މި ދިޔައީ. އެހެންނަމަވެސް މެޗްގެ ތިންވަނަ ސެޓުގައި ކޮންމެވެސް ވަރަކަށް ޓީމުގެ ކުޅުންތެރިންނަށް މިސްޓޭކްތަކެއް ހެދިގެން ޕޮއިންޓްތަކެއް ގެއްލިގެން ދިޔަ. ޖުމްލަކޮށް މެޗް ދިޔަގޮތާމެދު ވަރަށް ހިތްހަމަ ޖެހޭ" ޒަމީރު ބުންޏެވެ.

ސޮސައިޓީ ފޮރ ކުޅުދުއްފުށި ޔޫތްގެ ކޯޗް ސޮފްވާނު އަހުމަދު ބުނީ މި މެޗަށް ނުކުތްއިރުވެސް އިހަވަންދޫ ޓީމަކީ މޮޅު ޓީމެއްކަން އެނގޭކަމަށާއި، އެ ޓީމުގައި ތިބީ މުޅިންވެސް ކުޅެފައިތިބި މޮޅެތި ކުޅުންތެރިން ކަމަށެވެ.

" އަޅުގަނޑުމެން ޓީމުގައި މި ތިބި ގިނަ ކުޅުންތެރިންނަކީ އަލަށް ވޮލީގެ ތެރެއަށް އައިސްގެން އުޅޭ ކުދިންކޮޅެއް. އަނެއްކޮޅު އިދިކޮޅު ޓީމުގައި އެތިބި ކުޅުންތެރިންނަކީ އަބަދުވެސް ވޮލީ ކުޅޭ މޮޅެތި ކުޅުންތެރިންތަކެއް، ގިނަ ދުވަހު އެކީގައި މަސައްކަތް ކޮށްފައި ތިބި ކުޅުންތެރިންތަކެއް އެހެންވީމާ އެ ޓީމު ބަލިކުރުމަކީ ފަސޭޙަކަމެއް ނޫންކަންވެސް ކުރިން އެނގޭ." ސޮފްވާން ބުންޏެވެ.

މުބާރާތުގެ ތިންވަނަ ހޯދީ ނޮޅިވަރަމް ކްލަބް ހުވާސްއެވެ.