ކުޅިވަރު

ނިއުރޭޑިއަންޓް ބަލިކޮށް، މާޒިޔާ ލީގުގެ ފެށުން ރަނގަޅުކޮށްފި


އެންމެ ފަހުގެ ޗެމްޕިއަން ނިއުރޭޑިއަންޓް ބަލިކޮށް، އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ފެށުން މާޒިޔާއިން ރަނގަޅުކޮށްފިއެވެ. 

ލީގުގައި މިއަދު ހަވީރު ކުޅުނު މެޗު މާޒިޔާ ކާމިޔާބުކުރީ 3-2 ނެވެ. މެޗުގެ ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ ނިއުރޭޑިއަންޓުންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އިއްޒަތު އަބްދުލް ބާރީއެވެ. ފުރަތަމަ ހާފްގައި ލިބުނު ޕެނަލްޓީއަކުން މާޒިޔާއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން އަސަދުﷲ އަބްދުﷲއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ނިއުރޭޑިއަންޓަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ ބިދޭސީ ޑިފެންޑަރ ވެލިޗްކޯވްއެވެ.

 މާޒިޔާއިން މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަކުރީ އިސްމާއިލް އީސަގެ ގޯލުންނެވެ. މެޗުން މާޒިޔާ މޮޅުވި ގޯލް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް މުޙައްމަދު އުމެއިރެވެ. 

މެޗަށްފަހު މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނީ ފުރަތަމަ މެޗުން މޮޅެއް ލިބުމުން ހިތްހަމަޖެހިއްޖެކަމަށާއި، ފެނިގެން މިދިޔައީ މިއަހަރުގެ ލީގު ފޯރިގަދަވާނެކަމުގެ ހެއްކެއްކަމަށް އޭނާ ބުންޏެވެ. ސުޒޭން ބުނީ ލީގުގައި ކޮންމެ މެޗެއްވެސް ވަރަށް ވާދަވެރިވާނެކަމަށާއި، މެޗުގެ ފުރަތަމަ ހާފްގައި މާޒިޔާއަށް އެއްވެސްވަރަކަށް ނުކުޅެވުނުކަމަށެވެ. ބަދަލްކުޅުންތެރިންގެ ގޮތުގައި މިއަދުގެ މެޗުގައި ކުޅެން ނެރުނު ތިން ކުޅުންތެރިންވެސް ވަރަށް ރަނގަޅަށް ކުޅުނުކަމަށާއި، މެޗު އެނބުރިގެންދިޔައީ ބަދަލްތަކުގެ ސަބަބުންކަމަށްވެސް ސުޒޭން ފާހަގަކުރިއެވެ.

"ބެންޗުން އެރި ކުޅުންތެރިން މެޗު އަނބުރާލީ، މިއަދު މެޗުން އެނގިއްޖެ ލީގު މިއަހަރު ފޯރިގަދަ ވާނެ މިންވަރު، ވީހާވެސް ގިނަ ސަޕޯޓަރުން މެޗުތައް ބަލަން އަންނާނެކަމަށް އުއްމީދު ކުރަނީ" ސުޒޭން ބުންޏެވެ. 

މިއަދުގެ މެޗުން ބަލިވި ނިއުރޭޑިއަންޓްގެ ކޯޗް ޔޮރްދާން ސްޓޮއިކޯފް ބުނީ މެޗުގެ ނަތީޖާގެ އިތުރުން ރެފްރީގެ ނިންމުންތަކާއި މެދު ހިތްހަމަ ނުޖެހޭކަމަށާއި، ކުޅުންތެރިން މެޗުގައި ދެއްކީ ތައުރީފް ހައްގު ކުޅުމެއްކަމަށެވެ. ފުރަތަމަ ހާފްގައި މޮޅަށް ކުޅުނީ ނިއުރޭޑިއަންޓްކަމަށާއި ދެވަނަ ހާފްގައި ފެނިގެންދިޔައީ މާޒިޔާ މެޗް ޑޮމިނޭޓްކުރިތަންކަމަށް އޭނާ ބުންޏެވެ. ސްޓޮއިކޯފް ބުނީ ނިއުރޭޑިއަންޓްގެ ޓީމް އަންނަނީ ކުރިއަރަމުންކަމަށާއި، އޭނާ އެންމެ ބޭނުންވާ ފެންވަރުގައި ނިއުރޭޑިއަންޓް މާގިނަދުވަސްތަކެއްނުވެ ފެނިގެންދާނެކަމަށާއި، މިއަދު ފުރަތަމަ ހާފްގައި ފެނިގެންދިޔައީ އޭގެ މިސާލެއްކަމަށެވެ.

"ހުރިހާ ކަމެއް ރަނގަޅަށްދިޔައީ މެޗުގެ ނަތީޖާ އަދި ރެފްރީގެ ނިންމުންތައް ފިޔަވާ، ކުޅުންތެރިން ކުރި މަސައްކަތަށް ތައުރީފަށް ސާބަސް ހަމަ، މި ޓީމް ބޮޑެތި ކުރިއެރުންތަކެއް ހޯދައިފި، މިއަދުގެ މެޗް އެނބުރިގެންދިޔައީ މާޒިޔާގެ ބެންޗުގައި ތިބި ކުޅުންތެރިންގެ ތަފާތުގެ ސަބަބުން" ސްޓޮއިކޯފް ބުންޏެވެ.

ލީގުގައި މިރޭ ވާދަކުރާނީ ބީޖީއާއި ވެލެންސިޔާއެވެ.