ޚަބަރު

ތަރައްޤީގެ އަމާޒުތައް ހާސިލުކުރުމަށް ބޭރުގެ އިންވެސްޓްމަންޓްތައް މުހިއްމު: ރައީސް


  • ބޭރުގެ އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް އޮންނާނެކަަން ފާހަގަކުރެއްވި

  • އިޤްތިޞާދީ ލޮޅުންތަކަށް ރާއްޖެ އޮތީ ތައްޔާރަށްކަން ފާހަގަކުރެއްވި

ރާއްޖެއިން ހާސިލުކުރަން ބޭނުންވާ ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލުމަށް ބޭރުގެ އިންވެސްޓްމަންޓްތައް މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއީގައި ކުރިއަށްދާ އިންވެސްޓް މޯލްޑިވްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ތަޤްރީރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ގިނަ ބައެއްގެ ބައިވެރިވުމާއެކު ތަރައްޤީގެ ރޮނގުން ކުރިއަށްދިއުންކަމަށެވެ. އަދި އެ އަމާޒަށް ވާސިލުވުމަށްޓަކައި ސަރުކާރުން ހަރުދަނާ މިސްރާބެއް ގެންގުޅުއްވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ފައްކާވަމުން އަންނަ އިޤްތިޞާދެއްގެ ގޮތުންނާއި ތަރައްޤީވަމުންދާ ކުޑަ ޖަޒީރާ ޤައުމެއްގެ ގޮތުން ރާއްޖެއަށް ތަފާތު ދަތިތައް ކުރިމަތިވާކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުނިޔޭގެ ބާޒާރުން މާލީ އެހީތެރިކަން ހޯދުމުގެ ދަތިކަން އިންވެސްޓަރުންނަށް އެބައޮތްކަމަށެވެ. އެ ދަތިތަކުން އަރައިގަނެ، ކުރިއެރުންތަކެއް ހޯދުމުގެ ޤާބިލްކަން ސަރުކާރުގައި އެބަހުރިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިޤްތިޞާދު ސިންދަފާތުކޮށް ކުރިއަށް އޮތްތަނުގައި އަތުވެދާނެ ލޮޅުންތަކުން އަރައިގަތުމަށް ރާއްޖެ އޮންނާނީ ތައްޔާރަށްކަމަށެވެ. އަދި ތަރައްޤީއަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގައި ޕްރައިވެޓް ސެކްޓަރުގެ ދައުރު މުހިއްމުކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބައިލެޓަރަލް، މަލްޓިލޭޓަރަލް އަދި ޕްރައިވެޓް ސެކްޓަރ ޕާޓްނަޝިޕްތަކުގެ ދައުރު އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި ވިޔަފާރި ހިންގުމަށް ރައްކާތެރި، އަމާން، މާޙައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރާނެކަމަށެވެ. އެ ގޮތުން މަލްޓި މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތަކަށް ފަހިކުރުމުގެ ގޮތުން ސްޕެޝަލް އިކޮނޮމިކް ޒޯން ފްރޭމްވޯކް އަލުން އެކުލަވާލާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.