ޚަބަރު

ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލުކުރައްވަން ޙުސްނުއްސުޢޫދު ހަމަޖައްސަވައިފި


  • މީގެ ކުރިން ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލު ކުރީ ފަނޑިޔާރު ޝުޖޫން

  • ޤާނޫނުއަސާސީގައިވާގޮތުން ޖޭއެސްސީގައި 10 މެންބަރަކު ތިބެންޖެހޭ

ޖުޑިޝަލް ސަރވިސް ކޮމިޝަނުގައި ހިމެނޭ މެމްބަރުންގެ ތެރެއިން ސުޕްރީމް ކޯޓު ތަމްސީލުކުރާ ފަނޑިޔާރަކަށް ޙުސްނުއް ސުޢޫދު ހަމަޖައްސަވައިފިއެވެ.

މިހާރު ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލްކުރައްވަނީ އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދެވެ. ފަނޑިޔާރު ޝުޖޫންނަކީ ޖޭއެސްސީގެ ނައިބުރައީސެވެ.

ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގައި ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަޔާންކޮށްފައިވެއެވެ. އެގޮތުން 10 މެންބަރަކު އެ ކޮމިޝަނަށް އައްޔަންކުރަން ޖެހޭނެއެވެ. މީގެ ތެރޭގައި ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު މެންބަރަކަށް ހުންނަން ޖެހޭނެއެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ އިތުރުން ދެން ޖޭއެސްސީގައި ތިއްބަވާ މެންބަރުންނަކީ އެ ކޮމިޝަނުގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސައިނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމާއި، ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒާއި ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ ޝަރީފާއި، ޢަންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި މެންބަރު ޑޮކްޓަރ އާމިނަތު އުއްމުކުލްޘޫމާއި، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް އަލްފާޟިލް މުޙައްމަދު ނާޞިޙާއި، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމާއި، ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އައްޔަންކުރާ މެންބަރު އަލްއުސްތާޛު މުޙައްމަދު ސަމީރާއި، ޤާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކޮށްފައިވާ މެންބަރު އަލްއުސްތާޛު ޢަލީ ޢަބްދުއްލަޠީފެވެ
.