ޚަބަރު

ޔަހޫދީންގެ ޢުދުވާނާ ގުޅޭގޮތުން ބައިޑަނާއި ރަސްގެފާނު ޢަބްދުالله މަޝްވަރާކުރައްވައިފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ޒަޔަނިސްޓު އިސްރާއީލަށް ބާރު އަޅަމުން ގެންދާނެ ކަމުގައި އުދުރުންގެ ރަސްގެފާނު ޢަބްދުالله ބިން އަލް-ޙުސައިން ދެވަނައާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ. ޔަހޫދީންގެ ޢުދުވާނާ ގުޅޭ ގޮތުން ރަސްގެފާނު ޢަބްދުالله ބައިޑަނާ މަޝްވަރާ ކުރައްވާފައި ވަނީ އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވައިޓް ހައުސްގައެވެ.

ދެ ބޭފުޅުން ބައްދަލު ކުރައްވާފައި ވަނީ, ޣައްޒާގެ އެންމެ ދެކުނުގައި އޮތް ރަފަޙަށް އެއްގަމު މަގުން އަރައި ޢުދުވާންތައް ފުޅާ ކުރަން ޔަހޫދީ ފައުޖުން ތައްޔާރު ވަމުންދާ ދަނޑިވަޅެއްގައެވެ. އެ ރަށުގައި މި ވަގުތު ފަލަސްޠީނުގެ 1.4 މިލިޔަނަށްވުރެ ގިނަ މީހުން އެބަތިއްބެވެ. ޔަހޫދީންގެ ޢުދުވާންތައް ހުއްޓުމަކަށް ގެނައުމާ މެދު ކުރަމުންދާ މަޝްވަރާތަކުގެ އައު ބުރެއް މިޞްރުގެ ވެރިރަށް ޤާހިރާގައި ފެބުރުވަރީ 13 ވަނަ ދުވަހު ފަށާނެއެވެ. މި މަޝްވަރާތަކުގައި މިޞްރާއި ޤަޠަރުގެ އިތުރުން އެމެރިކާއާއި ޔަހޫދީން ވެސް ބައިވެރިވާނެއެވެ.

"[ޣައްޒާގައި ވެރިކަން ކުރާ] ޙަމާސާއި ޔަހޫދީންނާ ދެމެދު އެއްބަސްވުމެއް އެކުލަވައިލުމަށް އެމެރިކާއިން މި ދަނީ މަސައްކަތް ކުރަމުން. ހަ ހަފުތާގެ މުއްދަތަކަށް ޢުދުވާންތައް މެދުކަނޑައިލުމުން [ޙަމާސުން ރަހީނުކޮށްފައިވާ] އަސީރުން މިނިވަން ކުރުމުގެ ފުރުޞަތު ލިބޭނެ،" ރަސްގެފާނު ޢަބްދުاللهއާ އެކު ބޭއްވެވި މަޝްވަރާތަކަށް ފަހު ބައިޑަން ވިދާޅުވިއެވެ.

ޢަބްދުالله ރަސްގެފާނު ވިދާޅުވީ, މި ވަގުތަށް އޮތް އެންމެ މުހިންމު ކަމަކީ ރަފަޙުގައި ތިބި ފަލަސްޠީންގެ 1.4 މިލިޔަނަށް ވުރެ ގިނަ މީހުންގެ ފުރާނަ ސަލާމަތް ކުރުން ކަމުގައެވެ. "މި ކަން [ރަފަޙަށް އަރައި ޔަހޫދީންގެ ޢުދުވާންތައް ފުޅާކުރާ މަންޒަރު] ބަލަން ތިބެވޭކަށް ނެތް. ބޭނުމީ [ޔަހޫދީ ފައުޖުގެ] ޢުދުވާންތައް ދިގު މުއްދަތަކަށް މެދުކަނޑައިލުން. މި ހަނގުރާމައަށް ނިމުމެއް ގެންނަން ވެއްޖެ،" ޢަބްދުالله ރަސްގެފާނު ވިދާޅުވިއެވެ.

ފެބުރުވަރީ 12 ވަނަ ދުވަހު އަސީރުން މިނިވަން ކުރުމުގެ ނަމުގައި ޔަހޫދީ ފައުޖުން ވަނީ ރަފަޙަށް ރަޙުމު ކުޑަ ޙަމަލާތަކެއްދީ, ފަލަސްޠީނުގެ 74 މީހުން ޝަހީދު ކޮށްލާފައެވެ. އެ ޙަމަލާތަކަށް ފަހު, ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި 100 އެއްހާ އަސީރުންގެ ތެރެއިން ދެ މީހުން މިނިވަން ކޮށްފައިވާ ކަމުގައި ޔަހޫދީން ބުނެއެވެ.

އެމެރިކާގެ އިރުޝާދުތަކަށް ގޮންޖަހައި ޔަހޫދީންގެ ޢުދުވާންތައް ފުޅާ ކުރަމުންދާތީ, ބައިޑަން މި ވަގުތު ހުންނެވީ ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ މެދު ނުރުހުންވެފައެވެ. ޢުދުވާންތަައް ހިންގުމުގައި ފަލަސްޠީނުގެ ޢާންމު ރައްޔިތުންގެ ފުރާނައަށް ބެލުމަށް އޭނާ ގެންދަވަނީ ގޮވައިލައްވަމުންނެވެ. ނަމަވެސް, ޔަހޫދީންގެ ޢުދުވާނުގައި ބޭނުން ކުރަމުންދާ މިސައިލްތަކާއި ބޮންތަކަކީ އެމެރިކާއިން ފޯރުކޮށްދެމުންދާ ހަތިޔާރު ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 28,340 އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 67,984 އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ޣައްޒާގެ އުތުރާއި މެދުތެރޭގެ އިތުރުން ދެކުނުގައި އޮތް ޚާން ޔޫނިސް ވަނީ ސުންނާފަތި ކޮށްލާފައެވެ.