ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން މިހާތަނަށް ފޯމު ހުށަހަޅާފައިވަނީ 183 މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. މި މުއްދަތު އަންނަ ބުދަ ދުވަހަށް ހަމަވާނެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް މިއަދު 115 މީހަކު ފޯމް ހުށަހަޅާފައިވާކަމަށެވެ. ފޯމް ހުށަހެޅުމަށް ބާކީ އޮތީ 2 ދުވަސްކަން ފާހަގަކުރައްވަމުން ހަބީބް ވިދާޅުވީ، އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް ފޯމް ހުށަހެޅީ 183 މީހުންކަމަށެވެ.
ހަބީބު ވަނީ މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ފަހުވަގުތަށް މަޑުނުކޮށް ވީހާވެސް އަވަހަށް ފޯމު ހުށަހެޅުމަށް އެދިވަޑައިގެންފައެވެ. އެގޮތުން، ފަހު ވަގުތު ފޯމު ހުށަހެޅުމުން ފޯމުގައި ދިމާވާ މައްސަލައެއް ހައްލު ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމަށް އެކަށީގެންވާ ވަގުތު ނުލިބިދާނެކަމަށް އޭނާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އިލެކްޝަނުން ވަނީ މަޖިލިސް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން ހުށަހަޅަން ޖެހޭ ފޯމުތައް މިދިޔަ މަހުގެ ތެރޭގައި އާންމުކޮށްފައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ފަހުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން ފުރިހަމަކޮށްފައިވާ ރެކޯޑުތައް ބަލައިގަންނަ ގޮތަށްވެސް އެ ކޮމިޝަނުން ވަނީ ނިންމަވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ އަންނަ މާރޗްމަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް، ރަމަޟާންމަހު އިންތިޚާބެއް އޮންނަ ނަމަ، އެ އިންތިޚާބެއް ބޭއްވޭނީ ރަމަޟާންމަސް ނިމި 10 ދުވަސްފަހުން ކަމަށް ބުނެ އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނަށް ގެނައި އިސްލާހު މަޖިލީހުންވަނީ ފާސްކޮށްފައެވެ. މިއިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފިނަމަ އިންތިޚާބު ބާއްވާ ތާރީޚު ބަދަލުވާނެއެވެ.