ހީނަރުވެފައިވާ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ސަރުކާރުން ކުރާ މަސައްކަތާއެކު 5.5 އިންސައްތައިގެ ކުރިއެރުމެއް ރާއްޖޭގެ އިޤްތިޞާދަށް މިއަހަރު އަންނާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސަޢީދު މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެކަމަށް ބޭރުގެ މާލީ އިދާރާތަކުންވެސް ވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވެޑައިގަތީ ރާއްޖޭގެ އިޤްތިޞާދު ނުރައްކާތެރި ހާލަތަކަށް ވައްޓާލާފައި އޮތް ދަނޑިވަޅެއްގައިކަމަށެވެ. އެގޮތުން ދައުލަތުގެ ދަރަނި އެތައް ގުނައެއް ބޮޑުވެފައިވާއިރު، ސަރުކާރުން ދައްކަންޖެހޭ ބިލުތައްވެސް ނުދައްކާ އޮތްކަން ސައީދު ފާހަގަކުރެއްވިއެވެ.
ސަޢީދު ވިދާޅުވީ އިޤްތިޞާދަށް ކުރިމަތިވެފައިވާ ނުރައްކާތެރި ހާލަތުން އަރައިގަތުމަށް ސަރުކާރުން މަސައްކަތްކުރަނީ ދައްކަންޖެހޭ ދަރަންޏާއި ނުދައްކާހުރި ބިލުތައް ދެއްކުމުގެ މަސައްކަތްވެސް ކުރައްވަމުންކަމަށެވެ. އަދި ސަރުކާރުން ކުރާ މަސައްކަތާއެކު ރާއްޖޭގެ އިޤްތިޞާދު މިއަހަރު 5.5 އިންސައްތަ ކުރިއަރާނެކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ އިޤްތިޞާދީ ކުރިއެރުމަށް ކުރާ މަސައްކަތާއެކު، ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑަށް ބޭރު ފައިސާވެސް މިހާރު ޖަމާކުރަމުންދާކަމަށެވެ.
Raees Dr @MMuizzu verikamaai havaalu ve vadaigennevi iru Raajje vattaalaafa oiy nurakkaatheri maalee haalathun salaamaiy koh, dharani adhi nudhakkaahuri bill thah dhakkamun e’dhanee. Mi’aharu InshaAllah Raajjeyge economy 5.5% kuri erumeh libeyne.SDF ah $ ves mihaaru eba jamakuran https://t.co/TiJzfbcgGX
— Mohamed Saeed (@em_saeed) February 12, 2024
ނިމިދިޔަ ސަރުކާރުން ގެންގުޅުނު މާލީ އަދި އިޤްތިޞާދީ ސިޔާސަތުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް މިދިޔަ 5 އަހަރު ބޮޑު ހީނަރުކަމެއް ކުރިމަތިވެ، ރާއްޖޭގެ ދަރަނި ދުވަހަކުވެސް ބޮޑުނުވާ މިންވަރަށް އުފުލިފައިވާކަން މާލީ ހިސާބުތަކުން ދައްކައެވެ.
ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުން ފައްޓަވާފައިވާ އިޤްތިޞާދު ފުޅާކުރުމުގެ މަސައްކަތްތަކާއެކު އިޤްތިސާދީ ގޮންޖެހުންތަކުން އަރައިގަނެ، މާލީ ހާލަތު ރަނގަޅުވާނެކަމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން މިއަހަރުތެރޭ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ރާއްޖޭގެ އިޤްތިސާދު ކުރިއަރާނެކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފްއިންވެސް ވަނީ ލަފާކޮށްފައެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއާއެކު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ފެސިލިޓީތައް އިތުރުވެ، އިޤްތިސާދީގޮތުން މަންފާކުރާނެ ކަމަށް އައިއެމްއެފުން ވަނީ ލަފާކޮށްފައެވެ.
އައިއެމްއެފްގެ އިތުރުން، ވޯލްޑް ބެންކުންވެސް ވަނީ އިޤްތިޞާދީ ކުރިއެރުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ތައުރީފްކޮށްފައެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް ވޯލްޑް ބެންކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އެ އިދާރާގެ ފަރާތުން އެންމެފަހުން ރާއްޖެ ވަޑައިގެންނެވި ވަފްދުންވެސް ވަނީ ފާހަގަކޮށްފައެވެ.