ކުޅިވަރު

އެފްރިކާގެ ޗެމްޕިއަންކަން ތިންވަނަ ފަހަރަށް އައިވަރީ ކޯސްޓަށް


އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލް މެޗުގައި ފަހަތުން އަރައި ނައިޖީރިއާ ބަލިކޮށް، މުބާރާތް ބޭއްވި އައިވަރީ ކޯސްޓުން ޗެމްޕިއަންކަން ހޯދައިފިއެވެ.

ރޭ ކުޅުނު ފައިނަލް މެޗު އައިވަރީ ކޯސްޓުން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަަމަ ލަނޑު ޖަހައި ލީޑު ނެގީ ނައިޖީރިއާއިންނެވެ. މެޗުގެ 38 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ވިލިއަމް ޓްރޫސްޓް-އެކޮންގެވެ. މީގެ އިތުރުންވެސް މި ހާފުގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންގޮސްފައެވެ.

މި މެޗުގައި އައިވަރީ ކޯސްޓުން ނަތީޖާ އެއްވަރުކުރީ މެޗުގެ 62 ވަނަ މިނެޓުގައެވެ. ސައިމަން އެޑިންގްރާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު ފްރޭންކް ކެސީއެވެ. އަދި މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް ބޮރޫޝިއާ ޑޯޓްމުންޑުގެ ފޯވާޑް ސެބަސްޓިއަން ހޯލާ ވަނީ ލަނޑެއް ޖަހައި، އައިވަރީ ކޯސްޓަށް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިދީފައެވެ. ހޯލާގެ ލަނޑުން އައިވަރީ ކޯސްޓުން ތަށި އުފުލާލިއިރު، އޭނާއަކީ ކެންސަރު ބަލިން މިދިޔަ އަހަރުން ސަލާމަތްވި ކުޅުންތެރިއެކެވެ.

މިއީ އައިވަރީ ކޯސްޓުން އެފްރިކާގެ ޗެމްޕިއަންކަން ހޯދި ތިންވަނަ ފަހަރެވެ. އެގޮތުން މީގެ ކުރިން އެ ޓީމުން ވަނީ މި މުބާރާތް 1992 އަދި 2015 ވަނަ އަހަރު ކާމިޔާބުކޮށްފައެވެ.

މި ފަހަރުގެ މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ދެކުނު އެފްރިކާ ހޮވުނުއިރު، މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މާގާމު ހޯދީ އެކިއުޓޯރިއަލް ގިނީގެ ފޯވާޑް އެމިލިއޯ އެންސޫއެވެ. އެގޮތުން އޭނާ ވަނީ މި މުބާރާތުގައި ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ނައިޖީރިއާގެ ޑިފެންޑަރު ޓްރޫސްޓް-އެކޮންގެވެ.