ޚަބަރު

މަޖިލިސް ބަހުސަށް، ދާއިރާތަކުގައި ހުރި މައްސަލަތަކާ ގުޅޭގޮތުން ސުވާލު ފޮނުވޭނެ


  • ޕީއެސްއެމުން ގެނެސްދޭ މަޖިލިސް ބަހުސް މިމަހު ފަށާނެ

  • ބަހުސަށް އެސްއެމްއެސް ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައި

  • ސިޓީތަކުގެ ބަހުސް އޮންނާނީ އެ ސިޓީއެއްގައި

އިންތިޚާބުތަކުގައި ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުން އެ ދާއިރާއަކާމެދު ގެންގުޅުއްވާ ތަޞައްވުރު ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމުން ރައްޔިތުންނަށް ފަހިކޮށްދެމުން އަންނަ ފުރުޞަތެކެވެ. އެގޮތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުންނަށް ޚާއްސަކޮށްގެންވެސް ބަހުސެއް ބޭއްވުމަށް ޕީއެސްއެމުން އަންނަނީ ތައްޔާރުވަމުންނެވެ. "މަޖިލިސް ބަހުސް"އަކީ ކެންޑިޑޭޓުން ތަޢާރަފުކޮށް އެރުވުމާއި އެ ކެންޑިޑޭޓުން ދާއިރާއާ މެދު ގެންގުޅުއްވާ ތަސައްވަރު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް ބާއްވާ ބަހުސެކެވެ.

މިފަހަރުގެ ބަހުސްގެ އެންމެ ބޮޑު ތަފާތަކީ، އެ ދާއިރާއަކާއި ގުޅޭ ސުވާލު ކެންޑިޑޭޓުންނާއި ކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބުމެވެ.

20ވަނަ ރައްޔިތުންގެ މަޖިލީހަކީ މިހާތަނަށް އެންމެ ގިނަ ދާއިރާތައް ހިމެނޭ މަޖިލީހެވެ. ރާއްޖޭގެ އާބާދީއަށް އައި ބަދަލާއެކު އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަކަށް މެންބަރުން ހޮވާނެއެވެ. އެހެންކަމުން މިދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުންނަށް ޚާއްސަކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ދާއިރާތަކުގެ ބަހުސް "މަޖިލިސް 2024" ވެސް ޕީއެސްއެމުން ގެނެސްދިނުމަށް ވަނީ ނިންމާފައެވެ.

ޕީއެސްއެމުން ގެނެސްދޭ ދާއިރާތަކުގެ ބަހުސްގައި މިފަހަރު ފަހިކޮށްދީފައިވާ އެންމެ މުހިންމު ފުރުޞަތަކީ، އެދާއިރާއަކާ ގުޅުން ހުރި ސުވާލުތައް ކެންޑިޑޭޓުންނާއި ކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ފަހިކޮށްދިނުމެވެ. މިއީ މިފަދަ ބަހުސެއްގައި މިހާތަނަށް ފެންނާނެ އެންމެ ބޮޑު ބަދަލެވެ. އަދި ރައްޔިތުންގެ ހުރި ޝަކުވާތަކާއި އެކަންކަމާއި ގުޅޭ ސުވާލު ކެންޑިޑޭޓުންނާއި ކުރުމަށް ދޭ މިފަދަ ފުރަތަމަ ފުރުޞަތުވެސްމެއެވެ.

އެގޮތުން އެސްއެމްއެސްގެ ޒަރިއްޔާއިން ސުވާލު ހުށައެޅުމުގެ ފުރުޞަތު މިހާރު އޮތީ ހުޅުވާލާފައެވެ. ޕީއެސްއެމުން ރައްޔިތުންނަށް ފަހިކޮށްދީފައިވާ މި ފުރުޞަތަކީ، ދާއިރާގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރުމާއި، އެކަންކަން ހައްލުކުރުމަށް މަޖިލީހުގައި ވަކާލާތުކުރުމަށް ރައްޔިތުން ހޮވާ ކެންޑިޑޭޓުންގެ ޤާބިލުކަން ވަޒަންކުރުމަށް ދޭ ފުރުޞަތެކެވެ.

ސުވާލު ހުށައަޅާއިރު މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ މައްސަލަތަކާއި އަދި އެ ދާއިރާއަކަށް ނިސްބަތްކޮށް ވަކި ޚާއްސަ ދާއިރާތަކުންވެސް ސުވާލު ފޮނުވޭނެއެވެ. އެގޮތުން ޤާނޫނީ މައްސަލަތަކާއި، ރާއްޖޭ މިނިވަންކަމާއި އިސްތިޤުލާލާއި ގުޅޭ ސުވާލުތަކާއި، ލާމަރުކަޒީ ނިޒާމާއި، އިޖްތިމާޢީ މައްސަލަތައް، ޢުމްރާނީ މަސައްކަތްތައް އަދި އެކި ސެކްޓަރތަކުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މަޖިލީހުގެ ތެރެއިން މަސައްކަތްކުރުމާއި ގުޅޭގޮތުން ސުވާލުތައް ޢަމާޒުކުރެވޭނެއެވެ.

ސުވާލު ފޮނުވާނީ {MB (space) (constituency name)(question) to 300} / (އެމް.ބީ) ސްޕޭސް (ދާއިރާގެ ނަން)(ސުވާލު) ލިޔުއްވުމަށްފަހު 300އަށެވެ.

ރައްޔިތުން ފޮނުވާ ސުވާލުތަކުގެ ތެރެއިން އެންމެ ރަނގަޅު ސުވާލުތައް، ބަހުސްގައި ކެންޑިޑޭޓުންނާއި ކުރާނެއެވެ.

ބަހުސް ބޭއްވުމުގެ ތައްޔާރީތައް ޕީއެސްއެމުން އަންނަނީ ވަމުންނެވެ. މިފަހަރުގެ މަޖިލިސް ބަހުސްގައި ސިޓީތަކުގެ ބަހުސް ބޭއްވުމަށް ހަމަޖެހިފައިވަނީ އެސިޓީއެއްގައެވެ. ދެން ހުރި ދާއިރާތަކުގެ ބަހުސް ބާއްވާނީ މާލޭގައެވެ.