ޚަބަރު

25 ރުފިޔާއަށް މަސް ގަންނަނަމަ މިފްކޯއަށް ބިލިއަނެއްހާ ރުފިޔާގެ ގެއްލުންވާނެ: ޝިޔާމް


  • ނިމިދިޔަ ސަރުކާރުން މަސް ގަންނަ އަގު ބޮޑުކުރީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި

  • މަސް ގަންނަ އަގު ބޮޑުކުރުމުން ފައިސާ ދިނުމަށް ދަތިތަކާއި ކުރިމަތިވޭ

25 ރުފިޔާއަށް މަސް ކިލޯއެއް ގަންނަނަމަ މިފްކޯއަށް އަހަރަކު ބިލިއަނެއްހާ ރުފިޔާގެ ގެއްލުންވާނެކަމަށް، އެ ގެއްލުން ފޫބައްދަންޖެހޭނީ ދައުލަތުގެ ބަޖެޓުން ފައިސާ ދީގެންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ މިފްކޯއަށް 25 ރުފިޔާއަށް ގަންނަމުން ދިޔަ މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރުން ނިންމި ނިންމެވުމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިފްކޯއަށް މަސް ގަންނަމުންދިޔަ އަގު މުރާޖައާކުރުމަށްފަހު، 20 ރުފިޔާއަށް މަސް ކިލޯއެއް ގަންނަ ގޮތަށް ނިންމެވީ އިކޮނޮމިކް ކައުންސިލްގައި އެކަމާއި ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކަށްފަހުއެވެ.

ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ ނިމިދިޔަ ސަރުކާރުން ނިންމާފައި އޮތްގޮތަށް މަސް ކިލޯއެއް 25 ރުފިޔާއަށް ގަތުމަކީ ދަޢުލަތަށް މިހާރު ލިބޭ އާމްދަނީއާ އަޅާބަލާއިރު، އެއްވެސް ސަރުކާރަކަށް ހިފެހެއްޓޭނެކަމެއް ނޫންކަމަށެވެ. އަދި 25 ރުފިޔާއަށް މަހުގެ އަގު ބޮޑުކުރުމަކީ ސިޔާސީ ބޭނުންމެއްގައި ނިމިދިޔަ ސަރުކާރުން ނިންމި ނިންމުމެއްކަން މަސްވެރިންވެސް ގަބޫލުކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިން ބޭނުން ވަނީ މަހުގެ އަގު ބޮޑުކުރުމަށްވުރެ ބޮޑަށް،، މަސް ކިރާފައި އަވަހަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހެންކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްްޒުގެ ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ނިމިދިޔަ ސަރުކާރުން މަސްވެރިންނަށް ނުދީ އޮތް 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީފައިވާކަމަށެވެ. އަދި މަހުގެ އަގަށް ގެނައި ބަދަލާއެކު މަސްވެރިން ކިރުވާ މަހަށް އަވަހަށް ފައިސާ ދިނުމަށް މަގުފަހިވެގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މަސްވެރިންވެސް އެބަބަލާ ދުނިޔޭގެ ބާޒާރުގައިމަހުގެ އަގު ހުންނަ ގޮތް. މަސްވެރިންނަށްވެސް އެބަ އިނގޭ މިއަދު އަޅުގަނޑުމެން މަސް ބޭރުކުރާ ބާޒާރުގައި މި ހުރީ22 ރުފިޔާ 40 ލާރިއަށް. 25 ރުފިޔާއަށް ގެނެގެން 22 ލާރިއަށް ވިއްކުމުންވެސް ގެއްލުން މިވަނީ. މިއީ އަދި މިފްކޯގެ އެއްވެސް އަގެއް ނުލާ. އެ އަގު ލީމަ މިފްކޯގެ ޚަރަދުތައް ހިމަނައިގެން މަސްކިލޯއަކުން 11 ރުފިޔާ ގެއްލުން އެބަވޭ." ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މަސް ކިލޯއެއް 25 ރުފިޔާއަށް ގަންނަނަމަ ގާތްގަނޑަކަށް އަހަރެއްގެ ތެރޭގައި މިފްކޯއަށް ގެއްލުންވާ 1.1 ބިލިޔަން ރުފިޔާ، ސަބްސިޑީގެ ގޮތުގައި ދަޢުލަތުން މިފްކޯއަށް ދޭންޖެހޭކަމަށެވެ. އަދި މަސް ގަންނަ އަގު މުރާޖައާކުރުމުގައި އެއް ބޭނުމަކީ މިފްކޯއަށް ލިބޭ މާލީ ގެއްލުން ކުޑަކުރުންކަމަށާއި، މިފްކޯއަށް ގެއްލުންވާނަމަ މަސްވެރިންނަށް މާ ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހޭނެކަމަށެވެ.

17 ރުފިޔާއަށް މިފްކޯއަށް ގަންނަމުންދިޔަ މަސް ކިލޯއެއްގެ އަގު، މިފްކޯއަށް ގެއްލުންވާ ގޮތަށް 25 ރުފިޔާއަށް ނިމިދިޔަ ސަރުކާރުން ބޮޑުކުރީ މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރުއެވެ.

މަހުގެ އަގު މުރާޖައާކުރުމަށްފަހު ކިލޯއެއް 20 ރުފިޔާއަށް ގަންނަ ގޮތަށް ހަމަޖައްސާފައިވާއިރު، މަސް ގަންނަ އަގު 20 ރުފިޔާއަށް އަށްވުރެ ދަށް ނުކުރުމަކީ ސަރުކާރުގެ ވައުދެކެވެ.