ކުޅިވަރު

ވީއޭއެމްގެ އައު ޖެނެރަލް ސެކްރެޓަރީއަކަށް ސައީދު


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް މުޙައްމަދު ސައީދު އައްޔަންކުރައްވައިފިއެވެ.

ވީއޭއެމުގައި އެންމެ ފަހުން ޖެނެރަލް ސެކްރެޓަރީއަކަށް މަސައްކަތްކުރެއްވީ އައިޝަތު ސޫޒަން ހަނީފެވެ. އޭނާއަކީ ވީއޭއެމުގެ ފުރަތަމަ އަންހެން ޖެނެރަލް ސެކްރެޓަރީއެވެ. އެކަމަކު ސޫޒަން އެ މަގާމުން ވަކިވެފައިވާއިރު، މި ފަހުން ވީއޭއެމް ހިންގަމުން އައީ ޖެނެރަލް ސެކްރެޓަރީއެއް ނެތިއެވެ.

އެއާއެކު މިއަދުގެ ވަގުތެއްގައި ވީއޭއެމުން ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ސައީދު އައްޔަންކުރެއްވިއިރު، އޭނާއަކީ އެޑިއުކޭޝަން މިނިސްޓްރީގެ އެންމެ ދުވަސްވީ މުވައްޒަފުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެގޮތުން ސައީދު ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމާއި، އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުވެސް ފުރުއްވާފައެވެ.

މިދިޔަ އަހަރުގެ ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަނުގައި މުޅިން އަލަށް ވާދަކޮށް އެ މުބާރާތުގެ ތަށި އުފުލާލި ސިޓީ ސްޕޯޓްސް ކުލަބުގެ ރައީސްގެ މަގާމުވެސް ފުރުއްވަމުން އަންނަ ބޭފުޅަކީ ސައީދެވެ.

"ޕީއެސްއެމް ސްޕޯޓްސް" އަށް ދެއްވި އިންޓަވިއުއެއްގައި ސައީދު ވިދާޅުވީ ވީއޭއެމުގައި އިދާރީގޮތުން ގިނަ ގޮންޖެހުންތައް އެބަހުރި ކަމަށާއި، އެހެންކަމުން ވީއޭއެމުގެ ހިންގާ ކޮމިޓީގެ މަޝްވަރާގެ މަތިން އެ ގޮންޖެހުންތައް ހައްލުކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

ވީއޭއެމުން ހުސްވެފައިވާ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް ބޭފުޅަކު އައްޔަންކުރެއްވިއިރު، އެ އެސޯސިއޭޝަނުގެ ކަންކަން މި ފަހުން އަންނަނީ ހަމަޔަކަށް އެޅެމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެ އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާއެއް ބޭއްވިއިރު، އެ ޖަލްސާގައި ވަނީ މި އަހަރަށް 25 މިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައި، ފާސްކޮށްފައެވެ.

އަދި ދެން އެންމެ އަވަހަށް އޮންނަ އަހަރީ އާންމު ޖަލްސާއެއްގައި ވީއޭއެމުގެ ހުސްވެފައި ހުރި މަގާމުތަކަށް ބޭފުޅުން އިންތިޚާބުކުރަންވެސް ފާސްކުރިއިރު، މި އަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މާޗު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.