ޚަބަރު

އިމާމުންނާއި ޚަތީބުން ތަމްރީންކުރުމުގެ ފުރަތަމަ ބުރު ފަށައިފި


  • ދެކުނުގެ ރަށްރަށުން 77 އިމާމުން ބައިވެރިވޭ

  • ޖުމްލަ 9 މާއްދާއެއް ކިޔަވައިދޭ

  • 11 ސަރަޙައްދެއްގައި މިތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދޭ

އިމާމުންނާއި ޚަތީބުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢުގެ ފުރަތަމަ ބުރުފަށައިފިއެވެ.

މި ތަމްރީން ޕްރޮގްރާމް ފުރަތަމަ ފަށާފައިވަނީ ގއ.ގެމަނަފުށީގައެވެ. މިޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ދެކުނުގެ ރަށްރަށުން 77 އިމާމުން ބައިވެރިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އިމާމުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢަކީ އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި 11 ސަރަހައްދަކަށް ބަހާލައިގެން ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 4 ދުވަހަށެވެ. މިޕްރޮގްރާމުގައި ޖުމްލަ 9 މާއްދާއެއް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އިމާމުން ތަމްރީންކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމަކީ އިމާމުކަމުގެ ދާއިރާއިން އިމާމުންނަށް އިންޓެންސިވް ތަމްރީން ފޯރުކޮށްދީ މި ޒަމާނުގައި އިމާމުންނަށް ބޭނުންވާ، މިސްކިތްތަކާ ގުޅޭ އިތުރު މަޢުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މިއީ ޤުރްއާނާއި، ތަޖުވީދުގެ ޢިލްމާއި، ތަފްސީރާއި، ފިޤުހާއި، ޙަދީޘާއި، އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިއްމު ޢިލްމީ ކަންކަން އުނގަންނައިދީ، މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް އިމާމުންގެ ޝަޚްޞިއްޔަތު ބިނާކުރުމުގެ ބޭނުމުގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭ 700 އިމާމުން ތަމްރީންކޮށް ނިންމާލުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.