ކުޅިވަރު

ފައިނަލުގެ ޖާގައެއް ހޯދައި މަސްއޮޑި ފުރަތަމަ ޑިވިޝަނަށް


އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދައި، މަސްއޮޑި ސްޕޯޓްސް ކުލަބު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުން މަސްއޮޑި މޮޅުވީ ޓެންޓް ސްޕޯޓްސް ކުލަބާ ވާދަކޮށް 5-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި މަސްއޮޑިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 26 ވަނަ މިނެޓުގައި އަލީ ޝާމިސް ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސެއިން ޝަރީފެވެ.

އެކަމަކު ޓެންޓުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްފައެވެ. މި ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އަލީ އިހުސާން ނަގައިދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސްރީ ލަންކާގެ ކުޅުންތެރިޔާ ޗަލަނަ ޗަމީރާއެވެ. މިއީ މި ފަހަރުގެ މުބާރާތުގައި މަސްއޮޑި ކޮޅަށް ވަން ފުރަތަމަ ލަނޑެވެ.

މި މެޗުގައި މަސްއޮޑިން އަލުން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ މިޑްފީލްޑަރު އިސްލާމް ފެކްރީއެވެ. މިއީ އޭރިއާ ތެރެއިން މަސްއޮޑީގެ ޝަރީފަށް ޓެންޓުގެ ގޯލްކީޕަރު މުޙައްމަދު ޝިފާން ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.

މި މެޗުގައި މަސްއޮޑިން ލީޑު ފުޅާކުރީ މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށެވެ. ޝާމިސް ނަގައިިދން ހުރަހަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އަބްދުﷲ ޒިޔާނެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް މަސްއޮޑީގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަަލަކަށް ކުޅެން އެރި ބިދޭސީ މިޑްފީލްޑަރު މަހްމޫދު އެލްސައީދެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޒިޔާން ވަނީ މަސް އޮޑީގެ ފަހު ލަނޑު ޖަހައިދީފައެވެ.

މި ފަހަރުގެ ދެވަނަ ޑިވިޝަނުގެ ފައިނަލުން ފުރުސަތު ލިބޭ ދެ ޓީމަށްވެސް ފުރަތަމަ ޑިވިޝަނުގެ ޖާގައެއް ލިބޭނެއެވެ. އެއާއެކު މި އަހަރުގެ ދިވެހި ޕްރިމިއާ ލީގު ކުރިއަށްދާނީ 10 ޓީމާއެކުގައިކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ހާމަކޮށްފައެވެ.

މަސްއޮޑިން ފުރަތަމަ ޑިވިޝަނުގެ ޖާގައެއް ހޯދިއިރު، އެ ޓީމުން ވަނީ މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފައެވެ. ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުގެ އަނެއް ޖާގަ ލިބޭނީ މާދަމާ ކުޅޭ ސެމީ ފައިނަލުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓަރީ ސްޕޯޓްސް ކުލަބު ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ.