ޚަބަރު

ފަރުކޮޅުފުށީގައި ހުރި ގުދަން ކޮންޓެއިނަރެއްގައި ރޯވެގެން ސިފައިން ޙަރަކާތްތެރިވަނީ


ހުޅުމާލެ ފަރުކޮޅުފުށި ސަރަހައްދުގައި ހުރި ގުދަން ކޮންޓެއިނަރެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ނިއްވާލައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 15:58 ހާއިރުކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް އެފްއާރުއެސް، ހުޅުމާލެ ފަޔަރ ސްޓޭޝަނާއި މާލެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައިކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

ކޮންޓެއިނަރުގެ ތެރޭގައި ގުދަންކޮށްފައި ހުރި ހާޑްވެއަރ ސާމާނުތަކުގައި ރޯވި އަލިފާން، ފަޔަރ ފައިޓަރުންނަށް އެއްކޮށް ނިއްވާލެވިފައިވަނީ، މިއަދު 16:36 ހާއިރުކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށެވެ.