ޚަބަރު

ކޯސްޓްލައިން ހާޑްވެއާގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި


މާފަންނުގައި ހުންނަ ކޯސްޓްލައިން ހާޑްވެއާރ ފިހާރަގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފިއެވެ. 

ހަވީރު ހަތަރު ގަޑި ތިރީސްއެހާއިރު ހިނގި މިހާދިސާގައި ކޯސްޓްލައިން ހާޑްވެއާގައި ހުރި ހުރިހާ މުދަލެއް އަނދާ ހުލިވެފައިވާއިރު، ކައިރީގައި ހުރި ޢިމާރާތްތަކަށްވެސް އަލިފާނުގެ އަސަރު ފޯރާ، އެކި ވަރުގެ ގެއްލުން ލިބިފައިވެއެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއްނުވެއެވެ.

މިހާދިސާ ހިނގުމާއެކު އެސަރަހައްދުގެ ގެތަކުން އާއްމުން ހުސްކޮށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އަދި މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން އާއްމުންނާއި ގުޅިގެން އަލިފާން ނިންވާލުމުގެ މަސައްކަތް ފެށިއެވެ.

ނަމަވެސް ރޯވެފައިވާ އަލިފާންގަނޑުގެ ބޮޑުކަމާއި، އެސަރަހައްދުގައި ވައި ހުރިގޮތުން ކޯސްޓްލައިން ފިހާރަ ވަށައިގެން ހުރި ހުރިހާ ގެއަކަށްވަނީ އަލިފާނުގެ އަސަރުކޮށްފައެވެ. އަދި މާލޭގައި ލިބެންހުރި ވަސީލަތްތައް ބޭނުންކޮށްގެން އެމްއެންޑީއެފާއި ޕޮލިހުންނަށް އަލިފާންގަނޑު ކޮންޓްރޯލްނުކުރެވުމުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ހުޅެލޭގައި ބޭނުންކުރާ އަލިފާން ނިއްވާ ޙާއްސަ ވެހިކަލެއް ވަނީ ހުޅުލެއިން މާލެއަށް ގެނެސްފައެވެ. އަދި ހަވީރު ހަތަރު ގަޑި ތިރީސް އެހާއިރު ރޯވި އަލިފާންގަނޑު ރޭގަނޑު އަށެއް ޖަހަނިކޮށް ނިއްވާލީ ހުޅެލެއިން ގެނައި ވެހިކަލުން ހާއްސަ ފޯމެއް ޖަހައިގެނެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުއިރު މުޅި ފިހާރަ އޮތީ އެއްކޮށް އަނދާ ހުލިވެފައެވެ. އަދި ޓީނާއި ދަގަނޑު ހޮޅިން ހަދާފައި ހުރި ފިހާރައެއްކަމުން، އަލިފާންގަނޑު ނިއްވާލިއިރު އެތަނުގެ ސްޓްރަކްޗަރ ނޫން އެއްޗެއް ފެންނާކަށްނެތެވެ.

އަލިފާންގަނޑު ނިއްވާލެވުނު ނަމަވެސް މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނޭގެއެވެ. 

މިހާދިސާ ހިނގި ސަރަހައްދުގައި އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތާއި، އެސަރަހައްދަށް ލިބުނު ގެއްލުންތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެސަރަހައްދަށް ވަޑައިގެންނެވިއެވެ. އަދި އެމަނިކުފާނުގެ އަރިހުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރާއި ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒުވެސް އެސަރަހައްދު ބައްލަވާލެއްވުމަށް ވަޑައިގެންނެވިއެވެ.