ކުޅިވަރު

ޖިރޯނާ ބަލިކޮށް ރެއާލް އެއްވަނައިގައި ހަމަޖެހިލައިފި


ސްޕެނިޝް ލީގުގައި ރޭ ޖިރޯނާ އަތުން މޮޅުވެ ތާވަލުގެ އެއްވަނައިގައި ރެއާލް މެޑްރިޑް ހަމަޖެހިލައިފިއެވެ.

ތާވަލުގެ އެންމެ ކުރީގައި އޮތް ދެ ޓީމުގެ މި ކުރިމަތިލުން ރެއާލުން ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ހަވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ވަލްވާޑޭގެ އެހީއާއެކު އޭރިއާ ބޭރުން ޖެހި ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިިޔާބުކޮށްދިނީ ވިނީޝިއުސް ޖޫނިއާއެވެ. އަދި ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ރެއާލަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ޖޫޑް ބެލިންހަމެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ނުވަ މިނެޓު ތެރޭ ބެލިންހަމް ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މިއީ އޭނާ އެ ޓީމަށް ޖަހައިދިން 20 ވަނަ ލަނޑެވެ. ނަމަވެސް އޭނާ ވަނީ މި މެޗުގައި އަނިޔާގެ ސަބަބުން ބަދަލުކޮށްފައެވެ.

މި މެޗުގައި ރެއާލުގެ ހަތަރުވަނަ ލަނޑު ފެނިގެންދިޔައީ 61 ވަނަ މިނިޓުގައެވެ. މިއީ ރޮޑްރިގޯ ކާމިޔާބުކޮށްދިން ލަނޑެވެ. މީގެއިތުރުން މި މެޗުގައި ރެއާލަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ނަމަވެސް ހޮސެލޫ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލު ދަނޑިއަށެވެ.

މި މެޗުން ހޯދި މޮޅާއެކު ރެއާލް އެއްވަނައިގައި އޮތީ ކުޅުނު 24 މެޗުން 61 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ޖިރޯނާ އޮތީ 24 މެޗުން 56 ޕޮއިންޓާއެކުއެވެ.